English Edition
Dhivehi Edition

ހައްޔަރުކުރެވި އެއްއަހަރާ ހަތްމަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަލްއުސްތާދް މައުމޫން އަބްދުލް ގައްޔޫމު ގެ ސިއްޙީ ހިދުމަތް ލިބިގަތުމުގައި އިހްމާލެއް ނުވާކަމަމަށް ކަރެކްޝަންސް އިންބުނެފިއެވެ

ކަރެކްޝަނަލް ސަރވިސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް މާފުށީ ޖަލަށް ގެންދެވުނީންސުރެ، އެމަނިކުފާނުގެ ހުރިހާ ކަމެއްވަނީ އެމަނިކުފާނުގެ އުމުރާއި ބަލި ޙާލަތާއި ގުޅިގެން ޚާއްޞަ އުސޫލެއްގެ ދަށުން ހަމަޖައްސާފައި ކަމަށެވެ. އަދި އެމަނިކުފާނު ދިރިއުޅުއްވުމުގެ ކަންތައްތައް ހަމަޖެހިފައިވަނީ ދަތިކަމެއްނެތި އުޅުއްވެވޭގޮތަށް ތައްޔާރުކޮށްފައިވާ ވަކި ތަނެއްގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ޙާލުކޮޅު ބައްލަވައި، އެހީތެރިވެވަޑައިގެން ދެއްވުމަށްޓަކައި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ކޮންމެ ދުވަހަކުވެސް ވަޑައިގަތުމުގެ ފުރުސަތު ދެވިފައިވާ ކަމަށާއި ހުރިހާ ވަގުތެއްގައިވެސް އެމަނިކުފާނުގެ އަރިހުގައި މީހަކު ބެހެއްޓިފައި ހުންނާނެ ކަމަށް ކަރެކްޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ރައީސް މައުމޫންގެ އާލާސްކަންފުޅަށް ބޭނުންވާ ޑޮކްޓަރުންނާއި އަދި ބޭހުގެ ޚިދުމަތްތައް ވަނީ ހަމަޖައްސާފައި ކަމަށާއި އެއްވެސް ޙާލެއްގައި އެމަނިކުފާނަށް ބޭނުންވާ ސިއްޙީ ޚިދުމަތެއް ލިބިދިނުމުގައި އިހުމާލު ވެފައެއް ނުވާނެ ކަމަށެވެ.

އެހެންކަމުން އެސާވިސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކާއި ގުޅޭ ގޮތުން ހަގީގަތެއް ނެތް މައުލޫމާތު ނުފެތުރުމަށް ކަރެކްޝަނަލް ސަރވިސްގެ އެބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.