English Edition
Dhivehi Edition

އެމެރިކާގެ ކްރިސްޓޮޕާ ވަޓް 33އ އޭނަގެ މާބަނޑު އަނބިމީހާ އަދި ދެ ދަރިން މަރާލީ އާލޯބިވެރިޔަކާ ކައިވެނި ކުރަން ކަމަށް ފުލުހުން ކުރި ތަހުގީގުން އެނގިއްޖެއެވެ.

މިދިޔަހަފްތާގައި ވަޓްސްގެ އަނބިމީހާ ޝަނަން އާއި 4 އަހަރުގެ ބެލާ އަދި 3 އަހަރުގެ ސެލެސްޓް ގެއްލިގެން ފުލުހުންނަށް ރިޕޯރޓް ކުރީ ވަޓްސްއެވެ. އޭގެ ދެދުވަސްފަހުން މަރުވެފައިވާ ޝަނަންގެ ހަށިގަނޑު ފެނުނީ ތިލަކޮށް ކޮނެފައި ހުރި ވަޅުގަނޑަކުންނެވެ. އަދި ދެދަރިން ފެނިފައިވަނީ ވަޓްސް މަސައްކަތް ކުރާ ތެޔޮ ކުންފުނީގައި ހުރި ތެޔޮ ޓައްޕެއްގެ ތެރެއިންނެވެ.

ފުލުހުން ބުނެފައިވަނީ ތަހުގީގަށްފަހު އެނގުނު ގޮތުގައި ވަޓްސް ގެ އަނބިމީހާ ޝަނަން އޮފީސް މަސައްކަތެއްގައި 3 ދުވަސްވަންދެން ދަތުރެއްގައި އުޅުމަށްފަހު ދަންވަރު އެކެއްޖެހި އިރު ގެޔަށް އައުމުން ދެމީހުންގެ ދެމެދު ޒުވާބެއް ފެށިކަމަށް ވަޓްސް ބުނެފައި ވާކަމަށެވެ. އަދި ވަޓްސް ބޭނުންވަނީ ޝަނަން އާއި ވަކި ވުމަށްފަހު އެހެން މީހަކާ ގުޅެންކަމަށް ބުނެ ވަޓްސް ސިޓިންގް ރޫމަށް ދިޔައީކަމަށެވެ. އަދި ކުއްލިއަކަށް ވަޓްސް އަށް ފެނުނީ ޝަނަން ނިދަންތިބި ކުދިން ކަރުގައި ހިފާމަރާލިތަން ކަމަށް ވަޓްސް ތަހުގީގަށް ކިޔައިދީފައި ވެއެވެ. އެހެންކަމުން އައި ރުޅީގައި ބަދަލު ހިފުމަށް ޝަނަން މަރާލީ ކަމަށް ވަޓްސް ތަހުގީގަށް ބުނެފައި ވީނަމަވެސް ފުލުހުން ބުނެފައި ވަނީ އެވާހަކަ ގަބޫލު ނުކުރެވޭ ވަރަށް ވަޓްސްގެ ޑީއެންއޭ ހެކިދޭކަމަށެވެ.

ފުލުހުން ބުނެފައިވަނީ ބަނޑަށް 15 ހަފްތާވެފައިވާ ޝަނަންއާއި ދެދަރިން އަމިއްލަގޭގައި މަރާލުމަށްފަހު ވަޓްސް ތިންމީހުންގެ ހަށިގަނޑު އޭނަގެ ޓްރަކަށްލައިގެން ގޮސް ފޮރުވާލީ ކަމަށެވެ.

ޝަނަންގެ ގާތް އެކުވެރިއަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ ޝަނަން ގެ ދިރިއުޅުން އެހާ ރަނގަޅުނޫންކަމަށް އެތައްފަހަރަކުއޭނަކައިރީ ބުނެފައި ވާކަމަށެވެ. އަދި އެންމެފަހުން ދިމާވިދުވަހު ގެއަށް ދިޔަ މަގުމަތީގައި ވެސް ޝަނަން އެކުވެރިޔާކައިރީ ބުނެފައި ވަނީ ވަޓްސް އެހެން ލޯބިވެރިއެއް ގެންގުޅޭ ކަމަށް ޝައްކު ވާކަމަށެވެ.

ޝަނަން މަރާލުމުގެ ކުރިން އޭނާވަނީ ލިބެންއުޅޭ ތިންވަނަ ކުއްޖާގެ ޖެންޑާ ރިވީލް ޕާޓީ ބޭއްވުމަށް ތައްޔާރު ވަމުން ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އަދި ލިބެން އުޅެނީ ފިރިހެން ކުއްޖެއް ކަމަށާއި ކިޔަން ހަމަޖެހިފައި ވާނަމަކީ “ނިކޯ” ކަމަށްވެސް އާއިލައިން ބުނެފައި ވެއެވެ.

އަނބިމީހާ އާއި ދެދަރިންގެ މަރުގެ ތުހުމަތު ކްރިސްޓޮފާގެ މައްޗަށް ކުރުމުން އޭނާ ވަނީ އެތުހުމަތުތަކާއި ދެކޮޅު ހަދާފައެވެ

ނަމަވެސް ފުލުހުން މިހާރު ވަނީ މަރުގެ ފަސް ދައުވާއެއް ކްރިސްޓޮފާގެ މައްޗަށް އުފުލާފައެވެ. އަދި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 12 އަހަރުން ދަށުގެ ދެކުދިން މަރާލުމުގެ ތުހުމަތާއި ތިން މީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އެމައްސަލައިގެ ދައުވާވެސް ވަނީ ވަޓްސްގެ މައްޗަށް އުފުލާފައެވެ. ކްރިސްޓޮފާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.