އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޤާއިމްކުރާ ނަރުދަމާގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް އެބަ ދެއެވެ.
ހަލުވިކަމާއެކު ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މިހާރު ފޭދޫގެ ގެތަކަށް ނަރުދަމާ އެޅުމަށް ހޮޅިގުޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިގެން ކުރިއަށް އެބަދެއެވެ.
38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި ފޭދޫ،މަރަދޫފޭދޫ އަދި މަރަދޫގެ 2500 ގޭބިސީއަށް ނަރުދަމާ ހޮޅި ގުޅުމަށް ހަމަޖެހިފައިވެއެވެ.
މި ތިން ރަށުގެ ނަރުދަމާގެ މަޝްރޫޢު ޤާއިމްކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ޚަބަރު ލިބޭގޮތުގައި މިހާރު ވަނީ މި މަޝްރޫޢުގެ %72 މަސައްކަތް ނިމިފައެވެ.
އެގޮތުން ފޭދޫއާއި މަރަދޫ ފޭދޫގެ ޕްރެޝަރ ލައިންގެ މަސައްކަތްވެސް އެއްކޮށް ނިމި މަރަދޫގެ ޕްރެޝަރލައިންގެ %20 މަސައްކަތް ނިމިފައެވެ. އަދި މިހާތަނަށް ފޭދޫގެ 220 ގެއަކަށް ހޮޅިގުޅާ ނިމި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ފޭދުގެ ހުރިހާ ގޭބިސީއަކަށް ހޮޅިގުޅާ ނިމޭނެއެވެ .
. މިމަޝްރޫޢުގެދަށުން ފޭދޫގައި އަޅާ ގްރެވިޓީ ނެޓްވޯރކްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަރަދޫފޭދޫގެ ގްރެވިޓީ ނެޓްވޯރކްގެ %75 އާއި މަރަދޫގެ %60 މަސައްކަތް ނިމިފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.
މިމަޝްރޫޢުގެ ދަށުން ފޭދޫގައި 6 ޕަމްޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް އާ ޙަވާލާދެއްވައި ނޫސްތަކުން ޚަބަރު ލިބެއެވެ
މި އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރާ މިނަރުދަމާގެ މަޝްރޫއަކީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް، އޯފިޑްގެ ލޯން އެހީގެ ދަށުން 130 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ އިތުރުން މާލޭ ވޯޓަރ އެނޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައިވެސް ދަނީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާ އެޅުމަށް ހަމަޖެހިފައިވެއެވެ.
އަދި މީގެ އިތުރުން ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމީދޫގައިވެސް ނަރުދަމާ އެޅުމުގެ މަސައްކަތް ދަނީކުރަމުންނެވެ. ހުޅުމީދޫ ނަރުދަމާގެ މަޝްރޫއަކީވެސް އޮފިޑްގެ ލޯން އެހީގެ ދަށުން 113 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ..