ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިސްކިތް ބޭނުން ކުރެއްވި ކުރެއްވުމަކީ ބޮޑުވެގެންވާ ނުބަޔަކަށް ހުޅުވުނު ދޮރެއް ކަމަށް ޝެއިހް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝެއިޚް އަނީލް އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މިހެން ވިދާޅުވީ ސަރުކާރުން ތިނަދޫގައި އަޅަމުންދާ އިސްލާމީ މަރުކަޒުގެ ސިޑިމަތީގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކާ އެކު ނަގާފައިވާ ފޮޓޯތަކެއް އާއްމުވެފައިވަނިކޮށެވެ.
ތިނަދޫގައި ހަދަމުންދާ އެ އިސްލާމީ މަރުކަޒުގެ ފޮޓޮއެއްވެސް ހިމަނުއްވާފައިވާ އެ ޕޯސްޓުގައި ޝެއިޚް އަނީލް އިތުރަށް ވިދާޅުވެފައިވަނީ ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސިޔާސީ މަންފާއަށްޓަކައި މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ ހިތާމަވެރި ހުތުރު އަމަލެއް ކަމުގައެވެ.
ޑރ.ޝަހީމް އެ ފޮޓޯ ނަންގަވާފައިވަނީ ކެމްޕޭނަށް އެމަނިކުފާނު ގދ.ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ހަދަމުންދާ އިސްލާމީ މަރުކަޒުގެ ސިޑިބަރިމަތީ ނަގާފައިވާ އެ ފޮޓޯއާއި ގުޅިގެން ޑރ.ޝަހީމަށް ވަނީ ފާޑު ކިއުންތައް ރައްދުވެފައެވެ.
އަދާލަތު ޕާޓީގެ އިލުމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ.މުހައްމަދު އިޔާޒު ވެސް ވަނީ އިސްލާމީ މަރުކަޒުގެ ސިޑިބަރި މަތީގައި ފޮޓޯ ނެގި ނެގުމަކީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް ސިފަ ކުރައްވާފައެވެ.
.