ފޭސްބުކް މެދުވެރިކޮށް ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކަށް ލަލީގާގެ ހުރިހާ މެޗެއް ބެލޭނެ ގޮތް ފޭސްބުކުއިން ހަދައިފިއެވެ.
ސްޕެނިޝް ލީގުގެ ހުރިހާ މެޗުތައް ކުރިއަށް އޮތް ތިން ސީޒަނުގައި ދެކުނު އޭޝިއާ ސަރަހައްދަށް ދެއްކުމުގެ ހައްގު ފޭސްބުކަށް ލިބިފައިވަނީ ލަލީގާއާއި ފޭސްބުކް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުންވެ.
ލަލީގާއިން މި ނިމުން މިހެން ނިންމުމާއި އެކު ކުރިއަ އޮތް ތިން ސީޒަނުގައި ލީގުގެ މެޗުތައް ކޭބަލް ޓީވީން ބެލުމުގެ ފުރުސަތު ދިވެހިންނަށް ގެއްލިގެން ދާނެއެވެ.
މީގެ ކުރިން މި ސަރަހައްދުގައި ލަލީގާ ބްރޯޑުކާސްޓުކުރުމުގެ ރައިޓްސް އޮތީ ސޮނީ ޕިކްޗާސް ނެޓްވޯކް އަތުގައެވެ. ދުނިޔޭގެ ބޮޑެތި ޓީމުތައް ވާދަކުރާ މި ލީގުގެ މި ސަރަހައްދުގެ ޓީވީ ރައިޓްސް މިދިޔަ ހަތަރު ސީޒަނުގައި ނަގާފައި އޮތް ސޮނީ ޕިކްޗާސް ނެޓްވޯކުގެ ޗެނަލްތައް ރާއްޖޭގެ މީޑިއާނެޓުން ލިބެ އެވެ
ފޭސްބުކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ލަލީގާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ސީޒަންގައި ލަލީގައި ކުޅެވޭ ހުރިހާ މެޗެއް އިންޑިއާ، އަފްގާނިސްތާން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް ސްރީލަންކާ، ޕާކިސްތާން އަދި ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ހިލޭ ފެންނާނެ ކަމަށެވެ.
ލަލީގާގައި މިސީޒަންގައި 380 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު ލީގުގެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހުގައެވެ.
2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ލަލީގާ ބްރޯޑްކާސްޓުކުރުގެ ރައިޓްސް ސޮނީއިން މީގެ ކުރިން ގަތީ 32 މިލިއަން ޑޮލަރަށެވެ.
ލަލީގާގެ މެޗުތަށް އަންނަ ސީޒަނުގައި ފޭސްބުކް މެދުވެރިކޮށް ދައްކާ ގޮތަށް ހަމަޖެހިފައިވާއިރު އިންޑިއާ، އަފްގާނިސްތާން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް ސްރީލަންކާ، ޕާކިސްތާން އަދި ރާއްޖޭގައި ޖުމްލަކޮށް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު 348 މިލިއަނަށް އަރާ ކަމަށް ފޭސްބުކްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.