English Edition
Dhivehi Edition

ކުރިއަށް އޮތް 72 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި އުދައަރަފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދީފިއެވެ.

މެޓުން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާއިރު، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެން ވާތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އަންގާފައެވެ.

މިއަދު އުތުރުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 14:01 ގައެވެ. މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:04 ގައެވެ. ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:48 ގައެވެ.

މޫސުމާއި ބެހޭއިދާރާއިން ދެންމެ ވައިޓް އެލާޓްނެރެފައި ވާއިރު، އެ ސަރަހައްދުތަކަކީ ގދ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 17:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިހާރު ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރަ އަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތް ތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.