ޢީދު ބަންދާ ދިމާކޮށް ކަނޑުދަތުރު ކުރާ އުޅަނދުފަހަރުތައް ފާސްކުރަން ނިންމާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިއަދު އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޢީދު ބަންދާ ދިމާކޮށް ކަނޑުދަތުރު ކުރާ އުޅަނދުފަހަރުތައް ފާސްކުރަން އެމްއެންޑީއެފްގެ ކޯސްޓް ގާޑްއިން ސްޕެޝަލް އޮޕެރޭޝަނެއް މިއަދު ފަށައިފިކަމަށެވެ.
މި އޮޕެރޭޝަނުގައި އުޅަނދުތަކުގައި ދަތުރުކުރަށްވާ ޕަސެންޖަރުންގެ ސަލާމަތީ ރައްކާތެރިކަމަށް އެޅިފައިވާ ސަލާމަތީ ކަންކަން ބެލެވޭނެއެވެ. އަދި އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ގައި ބަޔާންކުރެވިފައިވާ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބެލޭނެއެވެ
މި އޮޕެރޭޝަންގައި މާލެ ސިޓީއިން ދަތުރުކުރާ އުޅަނދުތައް ބެލުމުގެ އިތުރަށް އެމްއެންޑީއެފްގެ އޭރިޔާތަކުންވެސް ފުރާ އުޅަނދުތަކުގެ ސަލާމަތީ ރައްކާތެރިކަން ބަލަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މި އޮޕްރޭޝަނަކީ ކޮންމެ އަހަރަކުވެސް ޢީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުދަތުރު ކުރާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްއިން ހިންގާ ސްޕެޝަލް އޮޕަރޭޝަނެކެވެ.