ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި އެމަނިކުފާނަށް ވެރިކަން ނުކުރެވޭނެ ކަމަށް އެއްވެސް މަޖިލިސް މެމްބަރަކު ނުބުނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލިހުގައި ހޭދަވީ ދުވަސްތަކުގައި އެމަނިކުފާނުގެ ދެކެ ރުޅި އަންނާނެ މެމްބަރަކު މަޖިލީހުގައި ނުހުންނަވާނެ ކަމަށެވެ.
އިބޫ ރައީސް ކަމަށް ހޮވިވަޑައިގެންފިނަމަ، އެކުލަވާލައްވާނީ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް، ޕީޕީއެމުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އިބޫ ވިދާޅުވީ އެމަނިކުފާނު އަމަލު ކުރައްވާނީ ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުގެ ލަފަ އާއި އިރުޝާދުގެ މަތިން އަދި ގާނޫނުއަސާސީއާއެއް ގޮތަށް ކަމަށެވެ.
“އަޅުގަނޑުމެންގެ އެއްބަސްވުމެއްގައި ހުންނާނެ ކޯލިޝަންގެ ވެރިކަމެއް ރޫޅޭނެ ގޮތް، ނުވަތަ ދެމެހެއްޓޭނެ ގޮތް، ގާނޫނެއްގައި ނުވަތަ ގާނޫނުއަސާސީގައި ލިޔަންވާނެއޭ. ގާނޫނީ ހައިސިއްޔަތު އެއަށް ދޭންޖެހޭނެއޭ. ގާނޫނުއަސާސީއަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި އަޣުލަބިއްޔަތުން. އެ ލިބެންދެން ވެސް ގާނޫނުއަސާސީ ތަންދޭ މިނުގައި ގާނޫނަކުން އެ ބާރު އަޅުގަނޑުމެން ދޭނަން،” އިބޫ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 3 ދުވަހު ކުރައްވަވާނެ ކަންތައްތަކުގެ ވާހަކަ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ދުވަހު ކުރައްވަވާނެ ކަމެއްގެ ގޮތުގައި ހައްޔަރުކޮށް ،ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ހަތަރު ލީޑަރުންނާއި ސިޔާސީ ކުށްވެރިންނާއި ނުހައްގުން އަނިޔާ ދެމުންދާ ހުރިހާ އެންމެން މިނިވަން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.