English Edition
Dhivehi Edition

އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު އެ ދުވަސްވަރަށް ޚާއްޞަކޮށްގެން އައްޑޫގެ ރިސޯޓުތަކުން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް، ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށިގެން ކޮންމެ ހަފުތާއެއްގައި ސައުތު އެފްރިކަން އެއާވޭސް އިން ސައުތު އެފްރިކާގެ ޖޮހޭނަސްބަރގް އިން ސީދާ ގަމަށް ޗާޓަރު ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުތަކުގައި އޭ 340 މަރުކާރުގެ މަތިންދާބޯޓު ބޭނުން ކުރަން ނިންމާފައިވާއިރު، ކޮންމެ ހަފުތާއަކު 300 އެއްހާ ޓޫރިސްޓުން ސައުތު އެފްރިކާ އިން އައްޑު އަށް ގެންދާނެ ކަމަށެވެ.

އައްޑޫގައި މިވަގުތު 4 ރިސޯޓެއް، 800 ބެޑް ކެޕޭސިޓީއާއެކު އޮޕަރޭޓް ކުރަމުންދާއިރު ކޮންމެ ރިސޯޓަކުން ވެސް ވަނީ ސައުތު އެފްރިކާގެ ޓޫރިސްޓުންނަށް ވިއްކުމަށް ޕެކޭޖްތައް ހަދާފައެވެ. ސައުތު އެފްރިކާގެ ޓްރެވަލް އެޖެންޓެއް ކަމަށް ސްޓާ ލައިޓް ހޮލިޑޭސް އިން ވިއްކާ އެ ޕެކޭޖްގައި ހަތް ރޭ ހުރުމާއި ބެޑް އެންޑް ބްރެކްފާސްޓް އަދި 15 މިނެޓްގެ ސްޕީޑް ބޯޓު ޓްރާންސްފާގެ އިތުރުން ޓެކްސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އެޑް އޮންގެ ގޮތުގައި ހާފް ބޯޑު އަދި ފުލް ބޯޑު އަދި އޯލް އިންކްލޫސިވް އަދި ބިޒްނަސް ކްލާސް ޕެކޭޖްތައް ވެސް އިތުރުކުރެއެވެ.

ޗަންޕާ ކުންފުނީގެ އެއް ހިއްސާދާރު އަދި ސައުތު އެފްރިކަން އެއަރވޭސްއިން ގަމަށް ދަތުރުތައް ފެށުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި ޙުސައިން އަފީފް ވިދާޅުވީ، ސައުތު އެފްރިކާއިން ރާއްޖެ އަންނަ ފަތުރުވެރިން މިހާރު އަންނަނީ 12 ގަޑިއިރުގެ ދިގު ދަތުރަކަށްފަހުގައި ކަމަށެވެ. ނަމަވެސް ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން، މި ދަތުރުގެ ދިގުމިން 7 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއާއެކު އެ ސަރަހައްދުން ރާއްޖެއަށްއަންނަ ފަތުރުވެރިންގެ އަދަދު ނުވަ ހާހުން އަށާރަ ހާހަށް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދު މި ދަތުރުތައް ހަމަޖައްސާ އެއަރ ޓުއަރ އޮޕަރޭޓާރސްގެ މެނޭޖިންގ ޑިރެކްޓަރ ކެއިތު ވިދާޅުވީ، ފުރަތަމަ ފޭސްގައި ޖޮހޭނަސްބަރގް އިން އައްޑޫ ސިޓީ ގަމާ ދެމެދު ސީދާ ދެމެދު ދަތުރުތައް ފެށިނަމަވެސް ފޭސް 2 ގެ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހޮންގކޮންގއިން ގަމަށް ދަތުރުތައްފަށާނެކަމަށެވެ. އަދި އޭގެފަހުންވެސް ގިނަ މަންޒިލްތަކަކުން ގަމަށް ދަތުރުތައްފަށައި އައްޑޫއަކީ ފަތުރުވެރިންގެ ހަބަކަމަށް ހަދާނެކަމަށެވެ.

އައްޑޫސިޓީގެ ގަމަށް މި ވަގުތު ޝެޑިއުލް ދަތުރުކުރަނީ ހަމައެކަނި ސްރީލަންކަން އެއާލައިންސުންނެވެ. ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމާއެކު އައްޑޫގައި ހުޅުވާފައިވާ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިންޓަނޭޝަނަލް އިވެންޓުތައް ފަސޭހަކަމާއެކު ބޭއްވޭފަދަ މަންޒިލަކަށް އައްޑޫ މިވަނީ ވެފައެވެ.

މިވަގުތު އައްޑޫގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓު ތަކަކީ ކެނެރީފް، ޝަންގްރިއްލާ އަދި އީކުއޭޓަރ ވިލެޖެވެ. މީގެ އިތުރުން ގިނަ ގެސްޓްހައުސްތަކެއް އައްޑޫގައި އަލަށް ހުޅުވަމުންދާއިރު މި އަހަރުގެ ޑިސެމްބަރަށް އައްޑޫގައި އިތުރު ރިސޯޓެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.