ވެނެޒުއޭލާގައި ޑްރޯންއެއް ބޭނުންކޮށްގެން ހަމަލާދޭން އުޅުނު މީހުންތަކެއް އަތުލައިގަނެވިފައިވާކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް ޓެރެކް ވިލިއަމް ސާބް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ދެއްވި އިންޓަވިއު އެއްގައި ޓެރެކް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ރައީސް ނިކޮލަސް ވާހަކަފުޅު ދައްކަވަން ހުއްޓާ ރައީސަށް އަމާޒުކޮށްގެން ދިން ބޮމުގެ މި ހަމަލާގެ ފަހަތުގައި ތިބި މީހުން މިހާރު އެނގިފައިވާކަމަށެވެ.
އެގައުމުގެ ދިފާއީ ވަޒީރު ވިދާޅުވީ މިހާރު މީގެ ތެރެއިން 6 މީހުން މިހާރު އަތުލައި ގަނެވިފައިވާކަމަށެވެ. މި ހަމީހުންގެ ތެރޭގައި ޑްރޯން އުދުއްސަން ހުރި މީހާވެސް ހިމެނެއެވެ. ޑްރޯން އުދުއްސި މީހާ އިނީ ހަމަލާ ދިންއިރު އެތާ ދުރުގައި އޮތް ކާރެއްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވެނެޒުއޭލާގެ ފުލުހުން ބުނެފައިވާގޮތުގައި މި ހަމަލާގައި ދެ ޑްރޯން ބޭނުންކޮށްފައިވެއެވެ. މި ބޮމުގެ ހަމަލާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ނެޝެނަލް ގާޑަށް 81 އަހަރު ފުރުމުގެ ރަސްމިޔާތުގެ ތެރެއިންނެވެ.
މި ހަމަލާގައި ރައީސަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެސަރަހައްދުގައި ހަރަކާތްރެރި ވަމުންދިޔަ ބައެއް ސިފައިންނަށް ވަނީ ކުދި ކުދި އަނިޔާތައް ވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ އެގައުމުގެ ސިފައިންނާއި ސަރުކާރުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.