ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީއަށް ޒިޔާރަތްކުރި ޗައިނާގެ ދަރިވަރުންނަށް އައްޑޫހައިސްކޫލާއި ފޭދޫ ސްކޫލުން ދިވެހި ސަގާފަތުގެ ފުރިހަމަ ނަމޫނާއެއް ދައްކައިފިއެވެ.
އޮގަސްޓް 2 ވަނަ ދުވަހުން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ، ބެއިޖިންގ ގެ ހުއިމިން ސްކޫލުގެ 12 ދަރިވަރުންނާއި 3 ބެލެނިވެރިންނާއެކު ކުރާ މި ދަތުރުގައި އައްޑޫހައިސްކޫލާއި ފޭދޫ ސްކޫލަށް މި ދަރިވަރުން ޒިޔާރަތް ކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
ޑެލިގޭޝަނުގައި ބައިވެރިވާ ޗައިނާގެ ދަރިވަރުން ހެނދުނު އައްޑޫހައިސްކޫލަށް ޒިޔާރަތް ކުރުމުން އެ ސްކޫލުން ވަނީ ދިވެހި ސަގާފަތުގައި ހިމެނޭ ތަފާތު ގިނަ ކަންތައްތަކެއް އެ ދަރިވަރުންނަށް ދައްކާލާފައެވެ. އެގޮތުން ދިވެހި ވަންތަ ގައުމީ ލަވަތަކަކުން މަރުހަބާ ކިޔާފައިވާއިރު މުޅި ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން އަދި ޕްރިންސިޕަލް ވެސް ހުންނެވީ ސަގާފީ ހެދުމުގައެވެ.
ހައިސްކޫލުން ވަނީ ޗައިނާގެ ދަރިވަރުންނަށް ރާއްޖޭގެ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ގިނަ ކުޅިވަރުތަކާއި ކެއުމާއި ބުއިމަށް ބޭނުންކުރާ ސާމާނާއި އަދި މަސައްކަތްތެރިކަން ދައްކައިދެވޭ ގޮތަށް ސްޓޯލްތައް ތައްޔާރުކޮށްފައެވެ. މީގެ އިތުރުން ދިވެހިވަންތަ ހަދިޔާއެއް ޗައިނާ ޑެލިގޭޝަނުގެ ކޮންމެ ދަރިވަރަކަށް އެ ސްކޫލުން ވަނީ ދީފައެވެ.
ޑެލިގޭޝަނުގެ ބައިވެރިންގެ މެންދުރު ކެއުން ތައްޔާރުކޮށްފައި އޮތީ ފޭދޫ ސްކޫލުންނެވެ. ދިވެހިވަންތަ އަދި ވަކިން ޚާއްޞަކޮށް އައްޑޫ ރަހަތަކާއެކު ޗައިނާގެ ދަރިވަރުންނަށް ތައްޔާރުކުރި މި ކެއުން ވަރަށް މީރުކަމަށް އެ ދަރިވަރުން ބުންޏެވެ.
އެދުވަހުގެ މެންދުރުފަސް އެކީގައި ފޭދޫ ސްކޫލުގައި ޗައިނާގެ ދަރިވަރުން ހޭދަކުރި އިރު އެ ސްކޫލުން ވަނީ ދަރިވަރުންނަށް ގިނަ ޕްރޮގްރާމުތަކެއް ތައްޔާރުކޮށްފައެވެ. އެގޮތުން އައްޑޫ އަދި ރާއްޖެއާ ބެހޭގޮތުން ފޭދޫ ސްކޫލުގެ ދަރިވަރުން ޗައިނާގެ ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. ހަމަ އެއާއެކު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތަކެއް ކުދި ކުދި ކާށީގައި ކުލަ ބޭނުންކޮށްގެން ތައްޔާރުކުރަން ޗައިނާގެ ދަރިވަރުންނަށް ފުރުސަތުދީ އެދަރިވަރުން ތައްޔާރުކުރި ތަކެތި ހަދިޔާގެ ގޮތުގައި ދީފައިވެއެވެ. މީގެ އިތުރުން ސަގާފީ ގިނަ ހަރަކާތްތަކެއް އެސްކޫލުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އައްޑޫހައިސްކޫލާއި ފޭދޫ ސްކޫލަށް ކުރި ޒިޔާރަތަށް ފަހު ޗައިނާގެ ދަރިވަރުން ނާއި ބެލެނިވެރިން ބުނީ ދިވެހިންނަކީ ވަރަށް ހިތްހެޔޮ އެކުވެރި ބައެއް ކަމަށާއި ރާއްޖެއާ ބެހޭގޮތުން އިންޓަނެޓުން ހޯދި ހޯދުންތަކުގައި ބުނެފައިވަނީ ހަމަ މުޅިން ތެދު ވާހަކަތަކެއް ކަން މި ޒިޔާރަތުން އެނގިގެން ހިނގައްޖެކަމަށެވެ.
“ރާއްޖޭގެ މީހުންނަކީ ވަރަށް ހިތްހެޔޮ ބައެއް. އަހަރެމެންނަށް މިތަނުން ދިން ހޫނު މަރުހަބާ ސިފަކުރަން ބޭނުންވަނީ އިރުން ވެސް ނުލިބޭނެ ފަދަ ހޫނު އެއްޗެއްގެ ގޮތުގައި. މިތަނަށް އާދެވުމުން ވަރަށް ބޮޑަށް އުފާވެއްޖެ. ވަރަށް ގިނަ ކަންކަން އެނގި ދަސްވެއްޖެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ދިވެހިންގެ ހިތްހެޔޮކަމާއެކުވެރިކަން” ޑެލިގޭޝަނުގެ ބައިވެރިން ކިޔައިދިނެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އެކުވެރިކަމުގެ ގުޅުން އުފެދުނުތާ ގިނަ ޒަމާންތަކެއް ވެފައިވާ އިރު މިއީ މިގޮތަށް ޗައިނާގެ ސްކޫލުތަކެއްގެ ދަރިވަރުން ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތެވެ. ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބުނީ މިފަދަ އިތުރު ފުރުސަތުތައް ޗައިނާގެ އިތުރު ދަރިވަރުންނަށް ލިބޭތަން ދެކެން ވަރަށް ބޭނުންކަމަށެވެ.