English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދާދިފަހުން އިއުލާނު ކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ވައުދުގެ ތެރެއިން އަލަށް ފައްޓަވާ މި މަޝްރޫއުގެ ދަށުން 18 އަހަރުން މަތީގެ މީހުންނަށް ދޫކުރަން ނިންމާފައިވާ 1000 އަކަފޫޓްގެ ގޯއްޗާއި ފްލެޓަށް އެދުމަށް ފުރުޞަތު ހުޅުވާލުމަށް ފަހު އެކަމަށް އެދޭ ފޯމުވެސް އަންނަ އަންގާރަ ދުވަހު ދޫކުރަން ފައްޓަވާނެ ކަމަށެވެ.

އަދި މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފޯމު ބަލައިގަންނަން ފައްޓަވާނެ ކަމަށާއި ރާއްޖޭގެ އެއްވެސް ތަނެއްގައި އެމީހާގެ އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ވިލިމާލެ2 ގެ ފްލެޓް ތަކަށް އެދި ހުށަހެޅޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ވިލިމާލެ2 ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން އިޢުލާން ކުރެއްވީ ފާއިތުވި ޖުލައިމަހުގެ 26ވަނަ ދުވަހުގެރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.