އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފި ނަމަ ހީނުކުރާ ވަރުގެ ކަންކަން ހިނގައިގެން ގޮސްދާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ
ރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މި ފަސް އަހަރުތެރޭގައި ކެތްތެރިކަމާއިއެކު ރައްޔިތުން ބަލަހައްޓައިގެން ތިބީ ސެޕްޓެމްބަރުގައި 23 ބާއްވާ ރިޔާސީ އިންތިޚާބު ލިބިގަތުމަށް ކަމަށެވެ.އަދި އިންތިޚާބުގެ ލިބިގަތުމަށް އިންތިޚާބުގެ ތެރެއަށް ގަދަކަމުން އަތް ބާނަން މަސައްކަތް ކޮށްފިނަމަ ފެނިގެންދާނީ ނުރަނގަޅު ކަންތައްތަކެއް ކަމަށް ނިޒާރު ވިދާޅުވިއެވެ
މީގެ އިތުރުން ނިޒާރު ވިދާޅުވީ އިސްލާމްދީނުގެ ވާހަކަތައް އެންމެ ގިނައިން ދައްކަވަނީ ރައީސް ޔާމީނާއި ޕީޕީއެމްއަށް ނިސްބަތްވާ ބޭފުން ކަމަށެވެ. އެހެންކަމުން އިސްލާމީ ރިވެތި އުސޫލްތަކާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފޭރިގަތުމަކީ އިސްލާމީ ރިވެތި ސިފައެއް ނޫން ކަމަށާއި އަދި ރައްޔިތުންގެ އިންތިޚާބެއް އޮޅާލުން ވެގެންދާނީ މާނުބައި އަމަލަކަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބިގަތުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންގެންދާ މަސައްކަތުގައި ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ.