ކ.ވާދޫ ރިސޯރޓް ކައިރިން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއްފެނިގެން އެމްއެންޑީ އެފް އަށް ރޭގެ ވަގުތެއްގައި ރިޕޯރޓް ކުރުމުން އެ ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން އައިނަމަވެސް އަދިވެސް ލޯންޗް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މި ހާދިސާގެ ރިޕޯޓް ދީފައިވަނީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރަމުން ދިޔަ “ޝާހީ 3” ނަމަކަށް ކިޔާ ދޯންޏަކުން ރޭ 23:00 ހާއިރު އެވެ. އެފަރާތުން މަޢުލޫމާތު ދިން ގޮތުގައި، ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑުން ޖަހާލާފައިވާކަމަށް ބުނެ ރިޕޯޓު ލިބުނު ލޯންޗަކީ ކޮންނަމެއް ކިޔާ، ކޮން ރިސޯޓަކަށް ނިސްބަތްވާ ނުވަތަ ކޮން ކުންފުންޏަކަށް ނިސްބަތްވާ ލޯންޗެއްކަމެއް އެނގިފައި ނުވާ ކަމަށެވެ.
މި ލޯންޗު އަދިވެސް ފެނިފައި ނުވާތީ، އެހެން ކަމުން މި ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް މިކަމަށް ސަމާލުކަން ދިނުމަށް އެމްއެން ޑިއެފް އިން އެދިވަޑައިގަންނަވައެވެ. އަދި މި ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑަށް ހިއްސާ ކޮށްދިނުން މަށް އެމްއެންޑީއެފުން އެދިލައްވައެވެ
މީގެ އިތުރުން އެމްއެންޑީ އެފުން ވިދާޅުވީ ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިގެން ޝާހީ3 ނަމަކަށް ކިޔާދޯނިން ރިޕޯރޓް ކޮށްފައި ވީނަމަވެސް އަދި މިހާ ތަނަށް އެއްވެސް އުޅަނދެއް ގެއްލިގެން އެހެން ފަރާތަކުން ރިޕޯޓް ކޮށްފައި ނުވާކަމަށެވެ.