އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖް ރިސޯޓުގެ ރަސްމީ މީީޑިއާއަކަށް އޭއޯ ނިއުސް ހަމަޖައްސައިފިއެވެ. އީކުއޭޓަރ ވިލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އޭއޯ ނިއުސް އާއި އީކުއޭޓަރ ވިލެޖާ ދެމެދު ވަނީ މި ކަމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށް ރަސްމީސިފައެއްގައި މަސައްކަތް ފަށާފައެވެ. އީކުއޭޓަރ ވިލެޖްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ރިސޯޓުގެ މެނޭޖަރ މުޙައްމަދު ވަޙީދެވެ. އޭއޯ ނިއުސްގެ ފަރާތުން ސޮއި ކުރެއްވީ ނޫހުގެ ސީއީއޯ ޝިމްލާ އަޙްމަދެވެ. މި އެއްބަސްވުމުގެ ދަށުން އޭއޯނިއުސްގެ ފަރާތުން ހިންގާ އިޖުތިމާއީ ހަރަކާތްތަކުގައްޔާއި އަދި އެނޫންވެސް ގޮތްގޮތުން އީކުއޭޓަރ ވިލެޖުން އޭއޯނިއުސް އަށް ފުރިހަމައަށް އެއްބާރުލުން ދެއްވަވާނެ ކަމަށް މެނޭޖަރ ވަހީދު ވިދާޅުވިއެވެ. “އީކުއޭޓަރ ވިލެޖަށް މީޑިއާއެއް ބޭނުންވެގެން އެކަމުގެ ވިސްނުމުގައި ހުއްޓާ ފުލުހުންގެ އަހަރީ ދުވަހުގައި އޭއޯނިއުސް އާއި ފުލުހުންނާ ގުޅިގެން ރޯޑް ސޭފްޓީއެވެއާރނެސް ޕްރޮގްރާމު ފެށިވާހަކަ އަޑުއިވުނީ. އިޖުތިމާއީ ގިނަ މަސައްކަތްތަކެއް މިހާރުވެސް އޭއޯއިން ކުރިއަށް ގެންދާކަން ވަނީ އެނގިފައި އެހެންވީމާ މި ފުރުސަތު އޭއޯނިއުސް އަސް ދޭން ނިންމީ” އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަހީދު ވިދާޅުވިއެވެ. އޭއޯ ނިއުސް އިން ޚަބަރާއި މައުލޫމާތު ފެތުރުމުގެ އިތުރަށް އައްޑުގައި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގައި ޒުވާނުން މިދާއިރާއިން ތަމްރީނު ކުރުމުގެ މަަަސައްކަތް އަބަދުވެސް ދަނީ ކުރަމުންނެވެ. މިގޮތުން އައްޑޫސިޓީ ޕޮލިސް އާއި ގުޅިގެން “ދިވިލިމަތަ” ގެ ނަމުގައި ރޯޑް ސޭޕްޓީ ޕްރޮގްރާމެއް ފަށާފައިވާއިރު އައްޑޫވިމެންސް އެސޯސިއޭޝަނުގެ ރަސްމީ މީޑިއާއަކީ ވެސް އޭއޯ ނިއުސް އެވެ. މި ގޮތުން އައްޑޫވިމެންސް އެސޯސިއޭޝަނާ ގުޅިގެން އައްޑޫގެ 2 ޒުވާނަކަށް މިހާރުވެސް މިވަނީ ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިކޮށް ދީފައެވެ.