English Edition
Dhivehi Edition

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ފެއަރމޮންޓުން ހިންގާ ސިއްރު ފެންފުށީގައި ބުދަތައް ބަހައްޓާފައިވަނީ ސަރުކާރު ބަދުނާމުކުރުމަށްކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނެފިއެވެ

ޕީޕީއެމް އާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ އިސްމެންބަރުންތަކެއްގެ މަސްލަހަތު އޮންނަ ރިސޯޓަކުން، ސަރުކާރު ބަދުނާމުކުރުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ށ. ގާކޮށިބީގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އެމްޑީޕީ މެންބަރު ޢަލީ ރިޒާއާއެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ޢަލީ ރިޒާވަނީ މިހާރުގެ އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕްގެ ކޮމަންޑޫ ދާއިރާގެ މެންބަރު އޭޑީކޭ ނާޝިދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެ ރަށް ވިއްކާލާފައެވެ

ސިއްރު ފެންފުށީގައި ބުދުތަކެއް ހުރިކަމުގެ މަޢުލޫމާތު ލިބުމާއިގުޅިގެން، ޓުއަރިޒަމް މިނިސްޓްރީއާއި ރިސޯޓު މެނޭޖްމަންޓު ގުޅިގެން އެތަކެތި ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އަންގަވާފައެވެ

ސިއްރު ފެންފުށީގައި ބުދަތައް ބަހައްޓާފައިވަނީ އެތަނުގެ ފަޅުތެރޭގައި ހަދާފައިވާ އާރޓް މިއުޒިއަމެއްގައެވެ. އިގިރޭސިވިލާތުގެ ޑިޒައިނަރެއްކަމަށްވާ ޖޭންސަން ޑިކެއަރސް ފަރުމާކޮށްފައިވާ މިތަނުގައި ބަހައްޓާފައިވަނީ އިންސާނުން ސިފާވާގޮތަށް ހަދާފައިވާ ބުދުތަކެވެ

ބުދުތައް ބެހެއްޓި މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާއިރު ދީނީ އިލްމުވެރިންވަނީ ވަގުތުން ވަގުތައް ބުދުތައް ނެގުމަށް ސަރުކާރަށް ގޮވާލާފައެވެ

އިދިކޮޅު ފަރާތްތަކުން މިކަމާއި ގުޅިގެން ސަރުކާރަށް ފާޑު ކިޔާފައިވާއިރު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކައް އަދި އެމްޑީޕީ އިން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ