English Edition
Dhivehi Edition

ވިޔަފާރީގެ ބޭނުންތަކަށް އައްޑޫސިޓީން ޖުމްލަ 64 ބިމެއް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާންކުރެއްވައި މިނިސްޓަރު ވިދާޅުވީ އައްޑޫން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އަންނަ އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

“ރައީސް ޔާމިން ގެ އިސްނެންގެވުމާއެކު އެކުލަވާލައިފައިވާ ޕުލޭންގެ ދަށުން އެންމެ ފުރަތަމަ ވިޔަފާރި ބޭނުންތަކަށް ، އަލަށް ވިޔަފާރިތެރެއަށް ވަންނަން ބޭނުންވާ އައްޑޫސިޓީގެ ރަތްޔިތުންގެ ބޭނުންތަކަށް ބިންކުއްޔަށް ދެވިގެންދާނެ. އެގޮތުން ހިތަދޫ ، މަރަދޫ ،މަރަދޫ , ފޭދޫ ، ފޭދޫ ، ހުޅުމީދޫ ހިމެނޭހެން ހުރިހާ ރަށެއް ހިމެނޭގޮތަށް ބިން ކުއްޔަށް ދެވިގެންދާނެ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބިމުގެ ވެލިއު އަށް ބެލުމަށްފަހު އަގުތަށް ކަނޑައެޅިފައިވާނެ ކަމަށާއި އެގޮތުން ބަނދަރު ސަރަހައްދުން ބިންދޫކުރާ އެންމެ ކުޑައަގަކީ އަކަފޫޓަކަށް ތިން ރުފިޔާ ކަމަށެވެ. އަދި ލިންކު ރޯޑް ޕުރައިމެރީ މަގުތަކުން އަކަފޫޓަކުން 2.6 ރުފިޔާ ނަގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރޭޓްތަކުގެ ތަފްސީލީ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލުން ނާއި ހައުސިން މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.