ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް މިއަދު 49 އަހަރު ފުރިއްޖެއެވެ.
އަނބިކަނބަލުން ނަސްރީނާ އާއި ކައިވެނި ބައްލަވައިގަތީ 1969 ވަނައަހަރު ޖުލައި 14 ވަނަ ދުވަހުއެވެ. އޭރު މައުމޫންގެ އުމުރުފުޅަކީ 31 އަހަރެވެ. ނަސްރީނާގެ އުމުރުފުޅަކީ 19 އަހަރެވެ. މިދެބޭފުޅުން އެންމެފުރަތަމަ ބައްދަލުވެ ވަޑައިގަތީ އޭގެ ހަތަރު އަހަރު ކުރިން މިސްރުަގައި ކިޔަވަން އުޅުއްވި ދުވަސްވަރުއެވެ. މައުމޫން އާއި އަނބިކަނަބލުނގެ 4 ބޭފުޅުން ތިއްބަވައެވެ.
ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސްކަން 30 އަހަރުގެ ދިގު މުއްދަތަށް ކުރައްވާ އެތައް ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން އެތައް ގޮތަކުން ރާއްޖެއަށް ޚިދުމައްތައް ކޮއްދެއްވާފައިވާ ބޭފުޅެކެވެ. މިހާރު އަޅުގަނޑުމެން މިދެކޭ ތަރައްގީގެ އަސްލު މޭސްތެރިއަކީ ރައީސް މައުމޫންއެވެ. ރައީސް މައުމޫން އުފަންވެ ވަޑައިގަތީ 1937 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހުގައެވެ.
ސަރުކާރުގެ އެތައް ވަޒީފާއެއްގައި މަސައްކަތްޕުޅު ކުރެއްވުމަށްފަހު 1978 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ. 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދިގު ތާރީހީ ވެރިކަން ކުރެއްވީ ރައީސް މައުމޫނެވެ.
މިހާރުގެ ވެރިކަން ވައްޓާލަން ފަނޑިޔާރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ރައީސް މައުމޫން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހުރީ ހައްޔަރުކޮށްފައެވެ. މައުމޫން ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ތަހްގީގަށް ފޯނުދެއްވަން ދެކޮޅު ހެއްދެވި މައްސަލައިގައެވެ. އަދި އެމައްސަލަ ސާބިތުވެ ރައީސް މައުމޫންގެ މައްޗަށް މިހާރު ވަނީ އެއް އަހަރާއި ހަތްމަހާއި ހަތް ދުވަހުގެ ޙުކުމެއް އިއްވާފައެވެ. މިވަގތު އެމަނިކުފާނު ގެންދަވަނީ އެޙުކުމް ތަންފީޒު ކުރައްވަމުންނެވެ.