މިނިވަންކަޕް ގައި މިރޭ ކުޅުނު ދެވަނަ މެޗު 7 ލަނޑު 1 ލަނޑުން މަރަދޫ ޒެލޯން އިން ކާމިޔާބުކޮށްފިއެވެ
ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު ޒެލޯން އިން ކާމިޔާބުކުރީ ދެކުނު އެފްސީ އާއި ބައްދަލުކޮށެވެ. ޒެލޯންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނިޓްގައި އެ ޓީމްގެ އައިކް ކާމިޔާބުކޮށްދިން އިރު އައިކްވަނީ މެޗުގެ ނަވާރަ މިނިޓްގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ޒެލޯންގެ ފަރާތުން ދެކުނު އެފްސީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު މެޗުގެ ފަންސަވީސްވަނަ މިނިޓްގައި އަތޫފްވަނީ ޒެލޯންއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ. މެޗުގެ އަށާވިސްވަނަ މިނިޓްގައި ޒެލޯން ޓީމްގެ އައިކް އެޓިމަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ކުޅުންތެރިޔާ ބާޒިއު އެވެ. މެޗުގެ ފަހު ފަސްމިނިޓް ޒެލޯންގެ އިރްފާން ދެ ލަނޑު ޖަހާފައިވާއިރު ދެކުނު އެފްސީގެ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ މައުސޫފްއެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެލޯންއަށް ތިން ލަނޑު ކާމިޔާބުކޮށްދީ މި މެޗުގައި ހެޓްރިކް ހެދި އައިކްއެވެ
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ ގައުމު އެފްސީ އާއި ތައްލިހި އެފްސީ އެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ޑިކޭ ސްޕޯޓްސް ކްލަބާއި އެއިލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މަދަމާރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެނެރީފް އާއި ރިސޯޓް ބޮއިސް ޔުނައިޓެޑްއެވެ
މި މުބާރާތުގައި ކޮންމެ ދުވަހަކު ހަވީރު އެއް މެޗު ، ރޭގަނޑު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް އޮންނާނީ 25 ޖުލައި 2018މި ގައެވެ.
. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.
މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު، އައިލެންޑް އެކްސްޕްރެސް، ހުޅުދޫވިޔަފާރިވެރިން ގެ އިތުރުން ހުޅުދޫ ޒުވާނުންނެވެ. އަދި މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.
.