ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމާއި, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން އީސީ އާއި ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ނިންމަވައިފި އެވެ
އީސީގެ ނިންމުންތައް ގެޒެޓްކުރުމާއެކު ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމާފައިވާ ހުސްނުއް ސުއޫދު ވިދާޅުވީ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމުގައި އަމަލު ކުރަން ޖެހޭނީ ކުރީގެ އިންތިހާބުތަކުގައި ވެސް އަމަލުކުރި ގޮތަށް ކަމަށެވެ.އަދި ރިސޯޓެއްގައި ވޯޓު ލާން 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި މީގެ ކުރިންވެސް ވޯޓު ފޮށި ބަހައްޓާފައިވާކަން ސުއޫދުވަނީ ފާހަގަކުރައްވާފައެވެ
އީސީގެ ނިންމުންތަކަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ފަޑުކިޔުންތަކެއް އަމާޒުކުރަމުންދާއިރު އިދިކޮޅު ކެންޑިޑޭޓް އިބޫ ވަނީ ރައީސް ޔަމީން ވޯޓު އޮޅުވާލަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ