English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި އެވެ.

މަރުކޮމިޝަނުގެ ރައީސް ކަމުން ސުއޫދު އިސްތިއުފާ ދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން ރުހުން ދިނުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް ސުއޫދު ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާނެ އެވެ.

ރައީސް ޞާލިޙް ގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެއް ވައުދު ކަމުގައިވާ ރާއްޖޭގައި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ސުއޫދު ވަނީ މަރުގެ ބޮޑު ދެ މައްސަލައެއް ބަލައި އޭގެ ރިޕޯޓް ރައީސް ޞާލިޙަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވައިފަ އެވެ. އެއީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުން ވޯޓު ދީފައި ވެއެވެ. ސުއޫދު ވަނީ ރައީސް މުހައްމަދު ނަޝީދު ގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމުވެސް ފުރުއްވާފައި އެވެ.