English Edition
Dhivehi Edition
ރިސޯރޓް ބޯއިސް އާ ޒެލޯން ބައްދަލު ކުރި މެޗް-- ފޮޓޯ: ލުބްނާ/ އޭއޯނިއުސް

މިނިވަން ކަޕް 2018 ގައި މިރޭ ކުޅުނު ދެވަނަ މެޗު ފަސޭހަކަމާއެކު ރިސޯޓްބޯއިސް ޔުނެއިޓެޑް އިން ކާމިޔާބުކޮށްފިއެވެ

ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކުރީ މަރަދޫ ޒެލޯން އާއި ބައްދަލުކޮށް 5 ލަނޑު 2 ލަނޑުންނެވެ.މި މެޗުގެ ފުރަތަމަ މިިނިޓްގައި ޒެލޯން ގެ އަބްދުﷲ ވާޒިއު އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާ އިރު މެޗުގެ ތިންވަނަ މިނިޓްގައި ރިސޯޓް ބޯއިސްގެ ލިޔާއުވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ

ރިސޯޓް ބޯއިސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ހަވަނަ މިނިޓްގައި އެ ޓީމްގެ އަލީ ހާފިޒް(އައްޔަ)ވަނީ މެދު ރޮނގާ ހިސާބުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އައްޔަގެ ލަނޑާއެކު ޒެލޯން އިން ޑިފެންސް ވަރުގަދަކޮށް ރިސޯޓް ބޯއިސް ހިފެހެއްޓުމަށް މަސައްކަތްކޮށްފާއިރު ރިސޯޓް ބޯއިސް އިން މެޗުގައި ޖެހި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިޔާއުއެވެ

ދެ ލަނޑުގެ ތަފާތަކާއެކު ރިސޯޓް ބޯއިސ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާޔާބުކޮށްދިނީ މެޗުގެ ބާވީސްވަނަ މިނިޓްގައި ޔާއްޓޭއެވެ. މެޗުގެ ނަވާވީސްވަނަ މިނިޓްގައި ރިސޯޓް ބޯއިސްގެ ޗައްނާ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު ޒެލޯން އިންވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް މަސައްކަތްކޮށްފައެވެ. މި މެޗުގައި ޒެލޯން އިން ޖެހި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހައިދިން ކުޅުންތެރިޔާ ވާޒިއުއެވެ

މިރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓް ބޯއިސްގެ އައްޔަ އެވެ

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ ގައުމު އެފްސީ އާއި އެއިލެންޑް އެފްސީ އެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ޑިކޭ ސްޕޯޓްސް ކްލަބާއި ޓީމް ވެމްކޯ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މަދަމާރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒެލޯން އާއި ދެކުނު އެފްސީ އެވެ

މި މުބާރާތުގައި ކޮންމެ ދުވަހަކު ހަވީރު އެއް މެޗު ، ރޭގަނޑު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް އޮންނާނީ 25 ޖުލައި 2018މި ގައެވެ.

. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.

މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު، އައިލެންޑް އެކްސްޕްރެސް، ހުޅުދޫވިޔަފާރިވެރިން ގެ އިތުރުން ހުޅުދޫ ޒުވާނުންނެވެ. އަދި މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.