English Edition
Dhivehi Edition

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ,ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދު މަރާލި މައްސަލައިގައި 7 މީހަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ އެ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ. މިދިޔަ އެޕްރީލްމަހުގެ 23 ވަނަދުވަހުގެ ދަންވަރުގެ ވަގުތެއްގައި މ. ސްޕެޓިއުލްގޭގެ ސިޑިގޮޅި ކައިރީގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގަށް 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް އެމައްސަލައިގެ ތަޙްޤީގު ނިންމައި ޕީ.ޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. ޔާމީން ރަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ ތެރެގައި މ.ޠާއިފް، ޢުމުރުން 25 އަހަރުގެ އިސްމާޢީލް ރަޝީދާއި، ހ.އަންނާރުމާގެ ޢުމުރުން 21 އަހަރުގެ އިސްމާޢީލް ހައިޝަމް ރަޝީދާއި، މ.އިރާސްމިކުގެ ޢުމުރުން 22 އަހަރުގެ އަޙްމަދު ޒިހާން އިސްމާޢީލްވެސް ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެމީހުންގެ ފޮޓޯވެސް ފުލުހުން ޢާއްމުކޮށްފައިވެއެވެ. ފުލުހުން ބުނީ އެމީހުންގެ ތެރެއިން ހައިޝަމަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.