ބުރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ގެ މައްޗަށް ކޮރަޕްޝަނުގެ 6 ވަނަ ދައުވާއެއް އުފުލައިފިއެވެ. މިފަހަރު އުފުލާފައި މިވަނީ އެއް މިލިއަން ރިއާލް (320000 ޑޮލަރުގެ) ރިޝްވަތު ހިފި ކަމުގެ ދައުވާއެވެ. މީގެ ކުރިންވެސް ވަނީ އެނާގެ މައްޗަށް ކޮރަޕްޝަނުގެ އެހެންދައުވާތަކެއްކޮށް އެ ދައުވާތައް ސާބިތުވެފައެވެ. ކުރީގެ ރައީސް ލޫލާ ޑަ ސިލްވާގެ މައްޗަށް މިފަހަރު ދައުވާކުރީ ބްރެޒިލްގެ ރަށްފުށު ސަރަހައްދުގައި ހުރި ގެއެއް މަރާމާތު ކުރުމުގެ ނަމުގައި އެއް މިލިއަން ރިއާލް ނަގައިފައިވާ ކަމުގެ ތުހުމަތުގައެވެ. އެ ޕްރޮޖެކްޓާ ހަވާލުވި ކުންފުނިންވަނީ އެމީހުން އެގޭގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ބުނެފައެވެ. އަދި އެމަސައްކަތުގައި ބައިވެރިވި އިންޖިނިއަރިންފާމުންވެސް ވަނީ ސައު ޕޯލޯގެ އުތުރަށް އޮތް ހިސާބުގަނޑެއްގައި ހުރި އެ ގޭގެ މަސައްކަތް ކުރި ކަމަށް ކޯޓު މަރުހަލާގައި ބުނެފައިއެވެ. ނަމަވެސް ލޫލާ ވަނީ އެނާ އެފަދަ ކަންކަމުގައި ބައިވެރި ވެފައި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ލޫލާގެ މައްޗަށް މިދިޔަ މަހު ވަނީ ހަމަ އެއިންޖިނިއަރިން ފާމުން 3.7 މިލިއަން ރިއާލްގެ ރިޝްވަތު ހޯދި ކަމަށް ސާބިތުވެފައެވެ. އަދި އެކަމާ ގުޅިގެން 10 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އައިސްފައެވެ. ބްރެޒިލްގައި ކުރިއަށްދާ ‘ކާ ވޮޝް’ ތަހުގީގަކީ އެގައުމުގެ ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރިވެރިންނަށް ރިޝްވަތު ދީގެން ބޮޑެތި އެއްބަސްވުންތައް ހޯދާ ކަމުގައި ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ކުރެވޭ ތަހުގީގެކެވެ. އެ ތަހުގީގެ ސަބަބުން އެތައް ސަތޭކަ ވިޔަފާރިވެރިން ޖަލަށްލެވި ކުރީގެ 4 ރައީސެއްގެ މައްސަލަ ބަލަމުން އެބަދެއެވެ. އަދި ރިޝްވަތު ހިފިކަމުގެ ތުހުމަތު މިހާރުގެ ރައީސްގެ މައްޗަށްވެސް ވަނީ ކުރެވިފައެވެ.