English Edition
Dhivehi Edition

ކުށެއް ކުރުމުން އެކަންކުރީ ކާކުތޯ ފުލުހުން ނުބަލާނެ ކަމަށާއި ފުލުހުން މަސައްކަތް ކުރާނީ އެކުށްކުރާމީހާ ހުއްޓުވަން ކަމަށް ހޯމްމިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރވިދާޅުވީ ކުށެއްކުރީމައި އެކަމެއް ކުރީ ސިޔާސީ މީހެއްތޯ، ގުރޫޕަކުންތޯ، ޒާތީކަމެއްތޯ ފުލުހުން ނުބަލާނެކަމަށެވެ. ފުލުހުން މަސައްކަތްކުރާނީ އެކަމެއް ކުރާމީހާ ނުވަތަ ބަޔަކު ހުއްޓުވައި ފިޔަވަޅު އެޅުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. “ކުށެއް ކުރެވުނީމައި އެއީ ސިޔާސީ މީހަކު ކުރި ކުށެއްތޯ ނުވަތަ ގްރޫޕް މާރާމާރީއެއްގެ ތެރެއިން ހިނގައިދިޔަ ކަމެއްތޯ ނުވަތަ ޒާތީ ގޮތުން މީހަކު މީހަކަށް ދޭ އަނިޔާއެއްތޯ ފުލުހުން ނުބަލާނެ. ކޮންމެ މީހަކަށްވިޔަސް ކުށަކަށް އަރައިގަންނަ މީހަކު ނުހުއްޓުވައި ފުލުހުން ނުތިބޭނެ،” މިނިސްޓަރ ވިދާޅުވިއެވެ. މިދުވަސްވަރަކީ މާލޭގައި މާރާމާރީއާއި ވަޅިހެރުން ފަދަ ކަންކަން އިތުރުވެފައިވާ ދުވަސް ކޮޅެކެވެ. އަދި ސިޔާސީ މުޒާހަރާތައްވެސް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެހެން ކަމުން ފުލުހުން ހަމައެކަނި މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ މުޒާހަރާތައް ކޮންޓްރޯލް ކުރުމާއި އެފަދަ އެހެންކަންކަމުގައި އެކަނި ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އެއްވެސްކަހަލަ ހަގީގަތެއް އޮތްކަމެއް ނޫންކަމަށްވިދާޅުވިއެވެ. ސިފައިންނާއި ފުލުހުންނަކީ މުޒާހަރާތަކާއި އެހެނިހެން ކަންކަން ބެލެހެއްޓުމުގައި އެފަހަރާ ހަރަކާތްތެރިވުމުގެ ގާބިލްކަން ލިބިފައިވާ ބައެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.