English Edition
Dhivehi Edition

ޒުވާނުން ދަރުމަވެރި މަސައްކަތްތަކުގައި އުޅުމާއި މެދު ވަރަށް ގިނަ މީހުންގެ ހިޔާލު ތަފާތު ވެއެވެ. ބައެއް މީހުން ދެކޭގޮތުގައި އެއީ މަންފާއެއް ނެތްކަމެކެވެ. ނަމަވެސް ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ.

ދަރުމައަށް މަސައްކަތް ކުރުމަކީ އެކަމަށް އެމީހަކު އެދިގެން މަސައްކަތްކުރުން އޮތް ކަމެކެވެ. ގަދަ ބާރަކުން ނުވަތަ މީހަކު ބުނެގެން އެކަމުގައި އުޅުމަކީ އޭގެ ފައިދާ އެމީހަކަށް ވެސް އަދި އެހެން މީހަކަށް ވެސް ލިބޭނެ ކަމެއް ނޫނެވެ. ޒުވާނުން ހާއްސަކޮށް ތަޢުލީމު އުގެނެމުންދާ ފަރާތްތައް ދަރުމަވެރި މަސައްކަތްތަކުގައި ހަރަކާތް ތެރިވުމަކީ އެފަރާތްތަކަށް އެތައް ގިނަ ގުނަ ފައިދާތަކަކާއި ތަޖުރިބާތަކެއް ލިބިގެންދާ ކަމެކެވެ. އެގޮތުން ވަޒީފާއަކަށް ކުރިމަތި ލުމަށް ބަލާއިރުވެސް އަދި އިތުރަށް ތަޢުލީމު އުނގެމުނަށް ޔުނިވާސިޓީއަކަށް ހުށަހަޅާ އިރުވެސްމެވެ. ދަރުމައަށް މަސައްކަތް ކުރާ މީހަކީ ވަޒީފާއެއްގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުރެ ރަނގަޅު މީހަކަށް ވެދާނެއެވެ. ސަބަބަކީ އޭނާ އަކީ ފައިސާ އަށް މަސައްކަތްކުރާ މީހަކަށް ވުރެ ތަނުގެ ކުރިއެރުމަށް މަސައްކަތް ކުރާ މީހެއްކަމަށް ވަޒީފާ ދޭ ފަރާތުން ވެސް ދެކޭނެތީ އެވެ.

ގިނަ ވަގުތު ދަރުމަވެރި މަސައްކަތްތަކުގައި ހޭދަ ކުރުމަކީ އަމިއްލަ ނަފްސަށް ހިތްހަމަ ޖެހުން ލިބިގެންދާކަމެވެ. އެގޮތުން ދަރުމަވެރި މައްސަކަތްތަކަކީ އާއްމުކޮށް މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ކުރާ ކަންކަމަށް ވެފައި، އޭގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިގެން ދާތީ އެވެ. އަދި އެއީ އިތުރު ބަދަލެއް ލިބިގަތުމަށްޓަކައި ކުރާ މަސައްކަތަކަށް ނުވާތީއެވެ. އަދި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ކަމަކަށް ވާތީވެސް މެވެ.

ދަރުމަވެރި މަސައްކަތްތަކުގައި ގިނައިން އުޅުމުގެ ސަބަބުން ވަރަށް ގިނަ މީހުންނާއި ގުޅުން ބަދަހިވެ، މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކާއި އޮންނަ ގާތްކަން އިތުރުވެގެން ދެއެވެ. އެހެނީ ތަފާތު އެކި ފަންތީގެ އެކި މީހުންނާއި އެކު މިފަދަ މަސައްކަތެއްގައި އުޅުމުން އެމީހުންގެ ފަރާތުން އެތައް ފައިދާތަކެއް ލިބުމަށް މަގުފަހި ވެގެން ދެއެވެ. މީގެ ސަބަބުން މުސްތަޤުބަލުގައި އަމިއްލަ ކަންކަން ކުރުމުގައި ވެސް އެހާމެ ގިނަ ފަސޭހަތަކެއް ލިބިގެން ދެއެވެ.

މުޖުތަމަޢުގައި އުޅޭއިރު އެމީހަކީ ތަފާތު މީހެއްގެ ގޮތުގައި ބަލައިގަންނަ މީހުން ގިނަ ނަމަ އެމީހަކަށް އޮންނަ ފުރުސަތުތައް ވެސް އިތުރުވެގެން ދާނެއެވެ. އެގޮތުން ދަރުމަވެރި މަސައްކަތް ކުރާ މީހުންނަކީ އެހެންމީހުންނަށް ވުރެ ބޮޑަށް މީހުންނަށް އަޅާލައި އޯގާތެރި ބައެއް ކަމަށް ވަރަށް ގިނަ މީހުން ދެކެއެވެ. އޭގެ ސަބަބުން އެމީހަކާއި ދޭތެރޭގައި ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދެއެވެ. މީގެ ސަބަބުން އުންމީދުނުކޮށް ހުންނަ ވަރަށް ގިނަ ކަންކަން ކުރިމަތި ވެގެން ދެއެވެ. އަދި އެފަދަ ފުރުސަތުތައް ވެސް ލިބިގެން ދެއެވެ.

ދަރުމަވެރި މަސައްކަތުގައި އުޅުމަކީ އެމީހެއްގެ ވިސްނުމާއި، އުޅުމާއި، އަޙްލާޤް އެހެން ހަރުފަތަކަށް ގެނުވައިދޭނެ ކަމެކެވެ. އަދި ވަރަށް ގިނަ މީހުންގެ ކުރިމަތީގައި މަޤްބޫލް މީހަކަށް ވުމަށް އޮތް ފުރުސަތެކެވެ. އެހެންނަމަވެސް ދަރުމަވެރި މަސައްކަތަކަށް އެމީހަކު ކުރިމަތި ލާން ޖެހޭނީ އެމީހަކު އެކަމަށް ޝައުޤުވެރިވެ އަމިއްލައަށް އެކަމުގައި އުޅެން ބޭނުން ވެގެންނެވެ.