ސަރުކާރާއި ރައީސް ޔާމީންއަށް ތާއިދުކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫ ޕީޕީއެމް ގެ މެމްބަރުން އިސްނަގައިގެން ވެހިކަލް ބުރެއް ބާއްވައިފިއެވެ
މިއަދު ހަވީރު ހުޅުދޫ މީދޫ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ މި ވެހިކަލް ބުރުގައި ޕީޕީއެމް އަށް ތާއިދުކުރާ ގިނަ އަދަދެއްގެ މެމްބަރުންނާއި މި ސަރުކާރަށް ތާއިދުކުރާ ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. މީދޫ ޕީޕީއެމް މެމްބަރުން ބޭއްވި ވެހިކަލް ބުރާ ބެހޭ ގޮތުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން ބުނެފައިވަނީ މިއީ މިއަދު މީދޫ އަށް ވަޑައިގަތް އިދިކޮޅު ކޯލިޝަންގެ ޓީމަށް މީދޫ ޕީޕީއެމް މެމްބަރުން ދިން މެސެޖެއް ކަމުގައެވެ. އެ ފަރާތުން ބުނެފައިވަނީ އަބަދުވެސް ހުޅުދޫ މީދޫ އިން ފެނިގެންދާ މަންޒަރަކީ ޕީޕީއެމްގެ އިސް ފަރާތްތަށް އެ ދަރަށަށް ވަޑައިގަތުމުން އިދިކޮޅު އެމްޑީޕީއިން މަގުމައްޗަށް އެއްވެ އެ މީހުންނަށް ހުރަސް އެޅުމަށް މަސައްކަތްކުރާ މަންޒަރުކަމަށެވެ. “މިއަދު އަޅުގަނޑުމެންވެސް ބޭނުންނަމަ އެފަދަ ނާތަހްޒީބް އަމަލެއް ހިންގިދާނެ. އެކަމަކު އަޅުގަނޑުމެން ކުރިއަށްދާނީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި އެއްގޮތަށް.” އެ ފަރާތުން ވަނީ ބުނެފައެވެ.
މި ހަރަކާތުގައި ބައިވެރިވި ޒުވާނުން ބުނެފައިވަނީ މިހާރުގެ ސަރުކާރަށް ތާއިދުކުރާ އެންމެ ބޮޑު ސަބަބަކީ ޒުވާނުންނަށް ކިޔެވުމާއި ވަޒީފާގެ އެތައް ފުރުސަތުތަކެއް ހޯދައިދީފައިވާތީ ކަމަށެވެ. އަދި އަބަދުވެސް ޕީޕީއެމް އިން މެޖޯރިޓީ ނަގަމުން އަންނަ މީދޫ އިން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް އެ މަންޒަރު ފެނިގެންދާނެކަމަށް މީދޫ ޒުވާނުން ވަނީ ބުނެފައެވެ.،