އާއްމު ދިރިއުޅުމުގައި އުޅޭއިރު ވަރަށްގިނަ ސިއްޙީ ކުދި ކުދި މައްސަލަތަކާއި ކުރިމަތިވެއެވެ. އެގޮތުން ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، އެކިތަންތަންނަށް ތަދުވުން ކަހަލަ ކަންކަން ހިމެނެއެވެ.
ދިރިއުޅުމުގެ ބުރައިގެ ތެރެއިން މިކަންތައްތަކަށް ދެވޭ ސަމާލުކަން ވަރަށް ކުޑައެވެ. އަދި އެއީ އާދައިގެ ކަމެއްކަމަށް ހިތާ ދޫކޮށްލެވޭ ފަހަރު ވަރަށް ގިނައިން އާދެއެވެ. ނަމަވެސް މިކަހަލަ ކަންކަން އާއްމުކޮށް ދިމާވާ ނަމަ އެއީ ސިއްހީ މައްސަލައެއް އުޅޭކަމުގެ ފެހި ސިގްނަލެކެވެ. އެހެންކަމުން ކޮންމެވެސް ވަގުތުކޮޅެއް ހޯދައިގެން ސިއްޙީ ލަފާ ހޯދުން ބުއްދިވެރިއެވެ. އެގޮތުން ސިއްޙީ މާހިރެއްކަމަށްވާ ކްލެބް ބެކް ބުނެފައިވާ ގޮތުން މިފަދަ ކުދިކުދި އަލާމާތްތަކަށް ދުރާލައި ފަރުވާ ދެވިއްޖެނަމަ ބޮޑު ބައްޔެއް ވުމުގެ ފުރުސަތު ކުޑަވެގެން ދާކަމަށެވެ.
ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ވާހަކަ އިސްތަށިގަނޑުންނާއި ނިޔަފަތި ތަކުން ވަރަށް އަވަހަށް އެނގިގެން ދެއެވެ. އެގޮތުން އިސްތަށިގަނޑު ތުނިވުމާއި، ނިޔަފަތިތައް ފަޅައިގެން ދިޔުން ކަހަލަ ކަންކަމަކީ ބައެއް ބަލިތަކުގެ އަލާމާތްތަކެވެ. އޭގެ ތެރޭގައި ތައިރޮއިޑް ފަދަ ބަލިތައް ވެސް ހިމެނެއެވެ. އެކަންކަމަކީ ކުރިއާލާއި އެނގިއްޖެނަމަ އަވަހަށް ޝިފާ ހޯދިދާނެ ކަންކަމެއެވެ.
އާއްމުކޮށް ގޭސްޓްރިކް މައްސަލަ އުޅޭނަމަ އެއީވެސް ބައްޔެއްގެ އަލާމާތެކެވެ. އަދި މިކަމަކީ އަޅާނުލައި ދޫކޮށްލުމަށްވުރެ މުހިއްމުކަމެކެވެ. ސަބަބަކީ ބަނޑުގެ މައްސަލަތަކަކީ ނުރައްކާތެރި މައްސަލަ ތަކަކަށްވުމެވެ. ކެންސަރަކީ މީގެ ތެރެއިން ނުރައްކާތެރި އެއް ބައްޔެވެ. އެއި ދުރާލާ އެކަން ނޭނގިއްޖެނަމަ ނުރައްކާވާ ހިސާބަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނަކަމަކަށް ވާތީ އެވެ. އެހެންކަމުން ޑޮކްޓަރުން އަބަދުވެސް ލަފާދޭގޮތުގައި ދާއިމީކޮށް ގޭސްޓްރިކް މައްސަލަ ހުންނަމަ ބަނޑުގައި ކޮންމެވެސް ގޯހެއް އުޅޭކަމަށް ބެލެވެނީ އެވެ. އެކަމަކީ ދޫކޮށްލައިގެން ވާނެކަމެއް ނޫންކަމަށެވެ.
އާއްމުކޮށް ވަރުބަލި ވުމަކީ ވެސް ކޮންމެވެސް މައްސަލައެއް އުޅޭކަމެކެވެ. ދުވަހުގެ ގިނަ ވަގުތު މައްސަކަތުގައި އުޅުމުން ވަރުބަލިކަން އިޙްސަސް ކުރެވުނު ނަމަވެސް އެއާއި ހިލާފަށް ހަށިގަނޑު ވަރުބަލި ވުމަކީ މައްސަލައެކެވެ. އާދަޔާ ޚިލާފަށް ހަށިގަނޑު ބަލިވުމަކީ ކެންސަރާއި ހިތުގެ ބަލިތަކަށް އޮތް ބިރެއްކަމަށް ވެއެވެ. އެހެންކަމުން ޑޮކްޓަރެއްގެ ލަފާ ހޯދުން މިކަމުގައި ރަނގަޅެވެ.
ބޮލުގައި ރިއްސުމަކީ އާދައިގެ ކަމެއްކަމަށް ވަރަށް ގިނަމީހުން ދެކެއެވެ. ބޮލުގައި އާއްމުކޮށް ރިއްސާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމުގެ މުހިއްމު ވަނީ އެއީ ވަރަށް ގިނަ ބަލިތަކެއްގެ ކުރީކޮޅުގެ އަލާމާތްތަކަކަށް ވާތީ އެވެ. މައިގްރޭން ކަހަލަ ބަލި ހުންނަނަމަ އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުން މުހިއްމެވެ.
ގިނަ ބަލިތަކެއްގެ އަލާމާތްތައް މިގޮތަށް ފެންނަން ފެށުމުން ގިނަ ފަހަރަށް ހާސްވެ ގޮތް ހުސްވާގޮތް ވެއެވެ. އަދި މިކަމުގެ އެންމެ ބޮޑު ބިރަކަށްވެފައި އޮންނަކީ ޑިޕްރެޝަންކަހަލަ ބަލިތަކުގެ ޝިކާރައަކަށް ވެގެން ދިޔުމެވެ. ނަމަވެސް ދުރާލައި ބަލިތަކަށް ފަރުވާ ހޯދިއްޖެނަމަ ގިނަ ބަލިތަކުން ސަލާމަތްވާ ފަދައިން ޑިޕްރެޝަން އަކީ ވެސް އެއަށް ފަރުވާ ކުރެވިދާނެ ބަލިއެކެވެ.
އެހެންކަމުން ސިއްޙީ މައްސަލަތައް ކުރިމަތި ވުމުން އެކަންތައްތައް ދުވަހުގެ ލިސްޓްގެ ފަހަތަށް ލުމުގެ ބަދަލުގައި ކުރިއަށް ލުން އާދަކުރަން ޖެހެއެވެ. ސަބަބަކީ ދިރިއުޅުމުގެ އެންމެ މުހިއްމު ކަމަކީ ރަނގަޅު ސިއްޙަތެއްގައި ހުރުން ކަމަށްވާތީ އެވެ.