މޯލްޑިވްސް ޕޮލިސް ސާވިސްއިން އައްޑޫ ސިޓީގައި ހިންގި ސެޓްފިކެޓް ލެވެލް 3 ގެ ޓްރެފިކް މެނޭޖްމަންޓު ކޯރސް ނިންމާލައިފިއެވެ.
މި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓިފިކެޓް ޙަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫނު ރަޝީދެވެ.
އައްޑޫ ސިޓީ ކައުންސިލް ހޯލްގައި ރޭ ބޭއްވި ސެޓިފިކެޓު ދިނުމުގެ ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަސްޢޫދުބައިވެރިވިއެވެ. ޖަލްސާގައި ވާހަކަދައްކަވަމުން މަސްޢޫދު ވިދާޅުވީ، ކޯހުގައި ކިޔަވައިދީފައިވާނީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޓްރެފިކާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތައްކަމަށެވެ. އެގޮތުން އެއްގަމު ދަތުރު ފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި، ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި މިހާރު ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެގޮންޖެހުންތަކުން އަރައިގަތުމައް ފުލުހުން ޢަމަލު ކުރަމުންދާ އުޞޫލުތައް ފުލުހުންނަށް ކިޔައިދީފައިވާނެކަމަށެވެ.
މީގެ އިތުރުން މިކޯހުގައި ފުލުހުންނަށް ކިޔައދީފައިވަނީ، ޓްރެފިކް މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ އިލްމުތަކާއި، ޖެނެރަލް ފިޒިކްސްގެ ތެރެއިން އެކްސިޑެންޓްތައް ތަޙުޤީޤު ކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި، އޮޓޯމޯބައިލް މެކޭނިކްސްގެ ތެރެއިން ވެހިކަލްތަކާއި ބެހޭ އިލްމެވެ. އަދި މަގުމައްޗާއި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ ތަކެއތި ތަރުތީބު ކުރުމާއި ޢާއްމުން ހޭލުންތެރި ކުރުމަށާއި ފުލުހުންގެ ތަމްރީނުތަކުގައި ބޭނުން ކުރެވިދާނެ ޢިލްމާއި ހުނަރުވެސް ފުލުހުންނަށް ކިޔައިދީފައި ވެއެވެ.
ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ލިންކު ރޯޑުގެ ޙާލަތު ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ރިޕޯރޓް ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި އައްޑޫ ސިޓީގެ ހައުސިން އެންޑް އިންފުރާސްރަކްޗާރ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކޮށްފައެވެ.
އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ބޭއްވި މި ކޯހަކީ ދިވެހި ރާއްޖޭގެ އެމް.ކިއު.އޭގެ އެޕްރޫވްކޮށްގެން ފުލުހުން ހިންގާ ލެވެލް 3 ގެ ކޯހެކެވެ. 3 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯހުގައި 30 ފުލުހުން ބައިވެރިވިއެވެ.