English Edition
Dhivehi Edition

އައްޑޫސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހުޅުވައިލައިގެން ރޯވިން އެސޯސިއޭޝަނުން ބާއްވާ ޕްރިންސިޕަލުންގެ ފަލިޖެހުމުގެ ޗެލެންޖު ގައި 6 ސްކޫލަކުން ބައިވެރިވެ ތަމްރީނުތައް ފަށައިފިއެވެ.

ޗެލެންޖު ގަބޫލުކޮށް ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރާއި، ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީއާއި މިއާންޒް އިންޓަރނޭޝަނަލް ސްކޫލް ގެ ޕްރިންސިޕަލް އާމިނަތު ގުލްފިޝާމާއި ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ، އައްޑޫހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމްގެ އިތުރުން އެމްއެންޔޫގެ ހިތަދޫ ކެމްޕަސް މެނޭޖަރ އާމިނަތު ޒާހިރާއެވެ.

މި ޗެލެންޖުގައި އައްޑޫސިޓީން ފަށައިގެން ފުވައްމުލަކާ ހަމައަށް ޕްރިންސިޕަލުން ފަލި ޖަހާފައި ދާން ޖެހެއެވެ.

މި އިވެންޓާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ރޯވިން އެސޯސިއޭޝަނުގެ ނައިބް ރައީސް ހަސަން ޖާވީދު ވިދާޅުވީ ޗެލެންޖްގައި ބައިވެރިވާ ބޭފުޅުންނަށް އެއް މަސް ދުވަހުގެ ޚާއްޞަ ޓްރެއިނިން ދެވޭނެ ކަމަށާއި މިކަމުގައި ބައިނަލް އަގުވާމީ ޓްރެއިނިން ހަދާފައިވާ ކޯޗުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މި ކޯޗުންގެ އެހީތެރިކަމާއެކު މި އިވެންޓުގައި ބައިވެރިވާ ޕްރިންސިޕަލުންނަށް ޚާއްޞަ ތަމްރީން ތަކެއް ދެވިގެންދާނެކަމަށް ޖާވީދު ވިދާޅުވިއެވެ

ރޯވިން ޕްރޮމޯޓްކޮށް މިކަމުގައި ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެއްސި އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލެވިއްޖެނަމަ މި ޕްރިންސިޕަލުން ވެގެންދާނީ ފަލިޖަހައިފައި އައްޑޫން ފުވައްމުލަކަށް ދަތުރުކުރި ފުރަތަމަ ދިވެހިންނަށް ކަމަށް ރޯވިން އެސޯސިއޭޝަނުން ބުނެއެވެ.

މިއީ އައްޑޫގައި މިފަދަ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރު ކަމަށް ވުމާއެކު ރޯވިން އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކަށް އައްޑޫގެ ސްކޫލްތަކުންނާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލުން ދެއްވަވާ އެއްބާރުލުމަށް އެސޯސިއޭޝަނުން ޝުކުރު ދަންނަވައެވެ.