English Edition
Dhivehi Edition
ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޖޭޕީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ގެއްލުންދޭނެކަމަށް ބުނެ ޓުވިޓަރ މެދުވެރިކޮށް އިންޒާރުދިން ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ލ.ގަމު، މުހައްމަދު އަދުހަމްއެވެ.

ދިޔަ ޖޫން މަހު 24 ވަނަ ދުވަހު އަދުހަމް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ސިޔާސީ ބައެއް ބޭފުޅުން މިނިވަން ނުކޮށް، ޕީޕީއެމްގެ ޑޯޓުޑޯ ކެމްޕެއިނަށް އޭނާގެ ގެ އަށް ގޮސް ދޮރުގައި ޓަކި ނުދިިނުމަށާއި ދީފިނަމަ ރައީސް ޔާމީންގެ އިސްތަށިފުޅަށް ގެއްލުންވާ މިންވަރަށް އޭނާ ޓަކި ޖަހާނެ ކަމަށެވެ.

އަދްހަމްގެ މައްޗަށް ރައީސް ޔާމީނަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ ތުހުމަތުކޮށްފައިވާއިރު ފުލުހުންވަނީ ކޯޓް އަމުރެއްގެ ދަށުން އަދްހަމްގެ ފޯނާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހިފަހައްޓާފައެވެ. އަދި އެތަކެތި ހުޅުވުމަށް ބޭނުންވާ ޕިންނަންބަރާއި ލޮކްކޯޑް އަދި ފިންގަރ ޕްރިންޓް ދިނުމަށްވެސް އަދުހަމްއަށް ކުރި އަމުރުގައި ބުނެފައިވެއެވެ.