English Edition
Dhivehi Edition

ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2018 ގެ ސެމީގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ފްރާންސް ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ރޭ ބެލޖިއަމް އާއި ޕްރާންސް ބައްދަލު ކުރި ފޯރިގަދަ މިސެމީފައިނަލް މެޗު ކާމިޔާބުކޮށް ފްރާންސް ފައިނަލަށް ދަތުރުކޮށްފައިވަނީ 1-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމްގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެއްވެސް ޓީމަކަށް ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު ދެ ޓީމަށް ވެސް ވަނީ މެޗުގެ ލީޑު ހޯދަން ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރު ވެފައެވެ.މި ގޮތުން ފްރާންސްގެ ޖިރޫޑް އަދި ބެލްޖިއަމްގެ ލުކާކޫއަށް ލިބުނު ހުސް ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ހާފް ދެ ޓީމް 0-0 ގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ ސެމިއުލް އުމްޓިޓީ ވަނީ ފްރާންސް އަށް މެޗުގެ ލީޑު ނަގާދީފައެވެ. އުމްޓިޓީ މި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ގްރިޒްމަން ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ފްރާންސުން ބެލްޖިއަމް ބަލިކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ފްރާންސްއިން ވޯލްޑް ކަޕްގެ ފައިނަލެއްގައި އެންމެ ފަހުން ކުޅެފައިވަނީ 2006 ވަނަ އަހަރުގައެވެ.

2006 ވަނަ އަހަރު އިޓަލީ އަތުން ބަލިވި ފްރާންސް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލާފައެވ

މިއަހަރުގެ ފައިނަލްގައި ފްރާންސް ބައްދަލުކުރާ ޓީމެއް އިނގޭނީ މިރޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ކަށަވަރު ވުމުންނެވެ. މިމެޗު މިރޭ 23:00 ފެށުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.