އިންޑިއާގެ ކެރެލާ ސްޓޭޓްގެ މަންޖެރީއަށް އުފަން ފޮޓޯގުރާފަރެއް ކަމަށްވާ ރަންޖީޝް ނަމަކަށް ކިޔާ މީހަކު އިންނާނެ މީހަކު ބޭނުންވެގެން ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓަކާއެކު މަޝްހޫރުވެއްޖެއެވެ. ކައިވެންޏެއް ކުރާނެ ރަނގަޅު އަންހެން ކުއްޖަކު ހޯދުމުގައި ހަތް އަހަރު ހޭދަ ކުރި ރަންޖީޝްގެ ފޭސް ބުކް ޕޯސްޓަށް އެންމެ ދެ ދުވަސް ތެރޭގައި 14000 އަށްވުރެ ގިނަ ލައިކް ލިބިފައިވާއިރު، 4000 އަށްވުރެ ގިނަ މީހުން އެ ޕޯސްޓް ޝެއާ ކޮށްފައިވެއެވެ. އަދި ކައިވެންޏަށް ޝައުގުވެރިކަން ފާޅުކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުން އޭނާއަށް ގުޅަން ފެށިއެވެ. ކައިވެނި ކުރާނެ ކުދިން ހޯދާ ސައިޓް ތަކަށް ވަދެގެންނާއި ގާތް ތިމާގެ މީހުން ވެސް އެތައް މަސައްކަތެއް ކައިވެންޏެއް ކުރާނެ ރަނގަޅު އަންހެން ކުއްޖަކު ހޯދުމުގައި ރަންޖީޝް ވަަނީ ހަތް އަހަރު ހޭދަކޮށްފައެވެ. އެންމެ ފަހުން ރަޙްމަތްތެރިއެއްގެ ޚިޔާލާއެކު އިންނާނެ މީހަކު ބޭނުންވެގެން ކުރި އެފްބީގައި ކުރި ޕޯސްޓާ ގުޅިގެން އޮސްޓްރޭލިއާ އަދި އެމެރިކާ ފަދަ ގައުމުތަކުން ވެސް އޭނާ އަށް 200 އަށްވުރެ ގިނަ މީހުން ކައިވެންޏާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން އެކި ގޮތްގޮތުން އަހާފައިވާ ރަންޖީީޝް ބުންޏެވެ. އޭނާ ފޭސްބުކްގައި ޖެހި ޕޯސްޓާއެކު މަންމަ އާއި ބައްޕަ އަދި ދިރިއުޅޭގެ ފެންނާނެ ގޮތަށް ނަގާފައިވާ ސެލްފީ އެއްވެސް ވަނީ އަޕްލޯޑް ކޮށްފައެވެ. އަދި އަމިއްލަ ފޯނު ނަންބަރު ޖެހުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އޭނާ ކުރި ޕޯސްޓާއެކު އޭނާ ވަނީ މިހާރު ވަރަށް މަޝްހޫރުވެފައެވެ. ނުދަންނަ އެތައް ނަންބަރު ތަކުން އެތައް ކޯލެއް އޭނާއަށް ލިބެމުންދާއިރު ހަމަ ވަރަށް ސީރިއަސް އިންކުއަރީސްތައް ލިބޭކަމަށް ޚަލީޖް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރަންޖީޝް ވަނީ ބުނެފައެވެ. “އިންޑިއާ، އޮސްޓްރޭލިއާ، ބަހްރެއިން، ސައުދީ އަރަބިއާ އަދި އެެމެރިކާގެ އާއިލާތަކުން ގުޅި. ކައިވެންޏަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި އެއް އުމުރެއްގެ މީހުންނާއި ވަރިވެފައިވާ އަންހެނުން ވެސް ހިމެނޭ. އަދި ފޮޓޯ އާއި އިތުރު މައުލޫމާތު ފޮނުވުމަށް އެދި ވަޓްސްއެޕް އެކައުންޓު ދީފައިވެސް އެބަހުރި” ރަންޖީޝް ބުންޏެވެ. އިންނާނެ ކުއްޖަކު ހޯދަން ފޭސްބުކްގައި ޖެހުމުން އޭނާގެ ކެރޭ ކަމަށް އެއްބަޔަކު ތައުރީފު ކުރިއިރު އިންނާނެ އަންހެނަކު ނުލިބިގެން އުޅޭ މީހުން ރަންޖީޝް އަށް ލިބިފައިވާ ބައެއް ޕްރޮޕޯސަލް އެމީހުންނަށް ދިނުމަށް އެދިފައިވެއެވެ. ރަންޖީޝް ބުނީ އަތުން އެއްވެސް އެއްޗެއް ނުގޮސް ފޭސްބުކްގައި ޖަހާލި ޕޯސްޓެއްގެ ސަބަބުން މިއަދު އެތައް ހުށަހެޅުމެއް ލިބެމުންދާއިރު މުހިއްމު ކަންކަމުގައި ސޯޝަލް މީޑިއާގެ ބޭނުން ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. “