English Edition
Dhivehi Edition

އިމްތިހާނަކަށް ފިލާވަޅު ދަސްކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫކަމެކެވެ. އެގޮތުން އެންމެ ރަނގަޅަށް ފިލާވަޅު މުޠާލިއާ ކުރެވޭނީ އެކަމަށް ވަގުތު އޮއްވާ މަސައްކަތް ކޮށްގެންނެވެ. ފިލާވަޅުގެ އިތުރުން ލިބޭ އިތުރު މަޢުލޫމާތުތައް ގިނަ ގިނައިން ކިޔައިގެންނެވެ. ގިނަ މީހުންނަކީ އެންމެ ފަހުވަގުތާއި ޖެހެންދެން ފިލާވަޅުތައް ނުކިޔާ ތިބޭ މީހުންނެއް ނޫނެވެ. ނަމަވެސް މަދު ބަޔަކު އެގޮތަށް ތިބެއެވެ. އެހެންކަމުން އެފަދަ މީހުންނަށްވެސް ކޮންމެވެސް ގޮތެއް ހޯދައި އެމީހުންނަށް އެހީވާން ޖެހެއެވެ. އެގޮތުން ފަހު ފަސް މިނަޓްގެ ބޭނުންވެސް ހެޔޮގޮތުގައި ހިފިދާނެއެވެ.

A terrified student about to start studing for an exam
އިމްތިހާނަށް ވަގުތު ކުޑަތަންވެ ފަހު ފަސްމިނަޓަށް ވުމުން ފޮތްތައް ހާވާ ކިޔުމުގެ ބޭނުމެއްނެތެވެ. އެވަގުތު ބޭނުންވަނީ ހަމަޖެހިލައިގެން އިމްތިހާނަށް ތައްޔާރުވުމެވެ. އެގޮތުން އެފަސް މިނަޓްގައި އެންމެ ރަނގަޅުކަމަށް ކުރެވިދާނެ ކަމަކީ ފުން ނޭވާތަކެއްލައި ހަށިގަނޑު ހަމައަކަށް އަޅުވާލުމެވެ. ލޭގެ ހިނގުން ހަމަޖައްސާލުމެވެ. އެއަށްފަހު ހަނދާނުގައި ހުރި އެއްޗަކާއި މެދު ވިސްނާލުމެވެ. އިތުރަށް އެއްޗެއް އެނގޭތޯ އުޅުމުގެ ބޭނުމެއް ނެތެވެ. ހަމަޖެހިލައިގެން އިމްތިހާންގައި އިށީދެވިއްޖެނަމަ ދަސްވެފައި ހުރި އެއްޗެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފިދާނެއެވެ. ފަހު ފަސް މިނަޓްގައި އެމީހެއްގެ ސިކުނޑީގައި ހުންނަ ނުތަނަވަސް ކަންތައްތައް ބޭރުކޮށްލުން ނުވަތަ އެއްޗެއްގައި ލިޔެލުމުން އިމްތިހާނުގައި އެމީހަކަށް ފައިދާ ކުރާނެއޭ ބުނުމުން ބައެއްމީހުން ޤަބޫލު ނުކޮށްފާނެއެވެ. އެހެންނަމަވެސް އޮސްޓްރޭލިއާގައި ގްރޭޑް 9 ގެ ދަރިވަރުންތަކެއް ބޭނުންކޮށްގެން ހެދުނު ދިރާސާއަކުން އެނގުނު ގޮތުގައި މިގޮތަށް ކަންތައްކުރި ކުދިންގެ ނަތީޖާ މާރަނގަޅު ވެފައިވެއެވެ. ދިރާސާކުރި ފަރާތުން ބުނެފައިވަނީ ސިކުނޑީގައި ހުންނަ ނުތަނަވަސް ހިޔާލުތަކަކީ ދަރިވަރުން ދަސްކޮށްފައިވާ އެއްޗެހި ފޮރުވާލާ ވިލާގަނޑެއް ފަދަ އެއްޗެއް ކަމަށެވެ. އެހެންކަމުން އިމްތިހާން ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން އެފަދަ ހިޔާލުތައް ބޭރުކޮށްލުމުން ކުރިން ދަސްކޮށްފައިވާ ތަކެތި ހަނދާންވާލެއްބޮޑެވެ. އެންމެ ފަހު ވަގުތުކޮޅުގައި ފިލާވަޅުތައް މަތިމަތިން ބަލާލައި ހަނދާން އާކޮށްލުމަކީ ވެސް ރަނގަޅު ގޮތެކެވެ. އެހެންނަމަވެސް މިވަގުތުކޮޅުގެ ތެރޭގައި ހަނދާން އާކޮށްލާނީ ފިލާވަޅުގައިވާ ތާރީހް ނުވަތަ ކުރެހުމެއް ނުވަތަ ފޯމިއުލާ ފަދަ ތަކެއްޗެވެ. އަދި އެއިގެ ފައިދާ އިތުރަށް ކުރާނީ ސިކުނޑި ބޭނުންކޮށްގެން އެކަން ކޮށްލުމުންނެވެ. އެހެންނަމަވެސް އެގޮތަށް އެކަން ނުވާނަމަ ފިލާވަޅު ބާލާލުމަށްފަހު އެއްޗެއްގައި ލިޔެ ހަނދާން އާކޮށްލުން ރަނގަޅެވެ. އިމްތިހާނަށް ފަސްމިނަޓަށް ވުމުގެ ކުރިން ތައްޔާރުވެ ފިލާވަޅުތައް ބަލާލެވިދާނެއެވެ. އެގޮތުން އިމްތިހާން ހޯލަށް ނުވަތަ ސްކޫލަށް ދާ މަގުމަތީގައި ފޮތްތައް ބަލާލެވިދާނެއެވެ. ނުވަތަ ކާން އިންނަ ގަޑީގައިވެސް އެކަން ކުރެވިދާނެއެވެ. އިމްތިހާނަށް ދުރާލައި ފިލާވަޅުތައް ދަސް ނުކުރެވުނަސް މަކަރު ނަހަދާށެވެ. ކޮޕީކުރުން ފަދަ ކަމެއް ކޮށްގެން އެކަން ފަޅާ އަރާ ހިސާބުން ކުޑަކޮށް ނަމަވެސް ދަސްކުރި އެއްޗެއްގެ ބޭނުން ނުހިފޭނެއެވެ. ބައެއް ފަހަރު އިމްތިހާންތަކަކީ ނަސީބު ވެސް ލައްވާލާ ކަމެކެވެ. އެގޮތުން އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ލިޔެލެވޭ އެއްޗަކުން ނުވަތަ އެންމެ ފަހު 5 މިނަޓް ތެރޭގައި ބަލާލެވޭ ފިލާވަޅަކުން ގިނަ މާކްސްތަކެއް ލިބިދާނެއެވެ.