ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގައި އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކޮރައޭޝިޔާއިން ރަޝިޔާ ރޮތްވާލުމަށް ފަހު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ކުއާޓާ އާއި ހިސާބުން ރަޝިޔާ މުބާރާތުން އަލްވިދާއު ކިޔަން ޖެހިފައިވަނީ ޕެނަލްޓީގައި 3-4 ލަނޑުން ކޮރައޭޝިޔާ އަތުން ބަލިވުމާއި ގުޅިގެންނެނެވެ.
ރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމުވެސް އޮތީ 2-2 އިން އެއްވަރުވެފައެވެ.
ރޭ ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރަޝިޔާއިން ވަނީ މި މެޗުގެ 31 ޑެނިސް ޗެރިޝޭވްގެ ލަނޑުން މެޗުގެ ލީޑު ހޯދާފައެވެ. ނަމަވެސް ރަޝިޔާއިން މި ލަނޑު ކާމިޔާބު ކުރިތާ މެޗުގެ 8 ވަނަ މިނެޓްގައި މަންޒުކިޗް ދިން ޕާހަކުން ކްރަމަރިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާ އާއި އެކު މެޗުގެ ފުރަތަމަ ހާފް ނިމިފައިވާއިރު ދެ ޓީމްގެ ފަރާތުން ވެސް ވަނީ ދެވަނަ ހާފްގައި މެޗުގެ ލީޑު ހޯދުމަށް ރަނގަޅު ފުރުސަތު ތަކެއް ހޯދައި ބޭކާރު ކޮށްލާފައެވެ.
ދެ ޓީމް ހަމަހަމަ މެޗުގެ 90 މިނެޓް ނިމިފައިވާއިރު ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ކްރޮއޭޝިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކްރޮއޭޝިޔާއަށް ކާމިޔާބުކޮށްދީފައިވަނީ ވިޑާއެވެ.
ވީޑާގެ މި ގޯލާއެކު ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް 15 މިނެޓްގެ ދެވަނަ ހާފްގެ ފަހުވަގުތުކޮޅުތެރޭ މާރިއޯ ފަނާންޑޭސް ވަނީ ރަޝިޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އިތުރު ވަގުތުގެ ދެ ހާފްގައި ވެސް ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި 5 ޕެނަލްޓީގެ ތެރިން ކްރޮއޭޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗްއާއި މޮޑްރިޗްއާއި ވިޑާ އަދި އިވާން ރަކިޓިޗްއެވެ. ކްރޮއޭޝިއާއިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން މެޓިއޯ ކޮވަސިޗް ފޮނުވާލި ޕެނަލްޓީ ރަޝިއާގެ ކީޕަރު އިގޯ އަކިންފީޗް ވަނީ ދިފާއުކޮށްފައެވެ.
ރަޝިއާއިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވިވައިވަނީ ޒަގޮއެވްއާއި ސާގޭ އިގްނަޝެވިޗް އަދި ޑެލާ ކުޒްޔޭޔެވް ފޮނުވާލި ޕެނަލްޓީއެވެ. ރަޝިއާގެ ފެޑޯ ސްމޮލޯވް ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑެނިއެލް ސުބަސިޗް ދިފާއުކުރި އިރު މާރިއޯ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ކުއާޓާގައި ރޭ މުބާރާތް ބާއްވާ ގައުމު ރަޝިޔާ ބަލިކޮށް ސެމީން ޖާގަ ހޯދި ކްރޮއޭސިޔާ ސެމީގައި ވާދަ ކުރަން ޖެހޭނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް އިންގްލޭންޑްއާއިއެވެ.