މޫނު ނިވައިކޮށްގެން ތިބި ގުރޫޕަކުން ޒުވާނަކަށް ހަމަލާދީ ޒަޚަމް ކޮށްލުމުން އޭޑީކޭހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ. މިހާދިސާގައި މަރުވެފައިވަނީ ރ.މީދޫ، ފެންފިޔާޒުގޭ މުޙައްމަދު އަނަސްއެވެ. އޭނާގެ އުމުރަކީ 24 އަހަރެވެ. އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލީ މާލޭ ލިޓަސް ސާވިސް ސެންޓަރުތެރޭގައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 9:16 އެހައިކަންހާއިރު ކަމަށެވެ. އޭނާ ލިޓަސް ސާވިސް ސެންޓަރުގައި ހުއްޓައި ތިން ސައިކަލެއްގައި އައި ބަޔަކުވަނީ އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ހަމަލާދީ ވަރަށްބޮޑަށް ޒަޚަމްކޮށްފައެވެ. އެއާއެކު އޭނާގެ ގައިން ކޯރުދެމި ލޭއޮހެން ފެށިކަމަށް މަންޒަރުދުށް ކަމަށްބުނާ މީހުންވަނީ މައުލޫމާތު ދީފައެވެ. މަންޒަރުދުށް މީހުންވަނީ އޭނާ ދިރޭނެ ކަމުގެ އުންމީދުވެސް ކަނޑައިލައިފައެވެ. އެޒުވާނާ ލިޓަސް ސާވިސް ސެންޓަރަށްދިޔާއީ ކީއްވެ ކަމެއްވެސް ނޭނގެއެވެ. އަދި އޭނާއަށް ހަމަލާދިނީ ކީއްވެ ކަމެއްވެސް އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަވަނީ މި މައްސަލަ ބައްލަވަމުންނެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެއެވެ. މީގެ ދެދުވަސްކުރިންވެސް ވަޅިން ހަމަލާދީ ޒުވާނަކުވަނީ މަރައިލައިފައެވެ. ފަހަކަށް އައިސް މިފަދަ ހަމަލާތައް މާލޭގައިވަނީ އިތުރުވެފައެވެ.