ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާއި ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމް ދެކުނު އެމެރިކާގެ ގަދަ ބާރު ބްރެޒިލް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ސެމީފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.
ވޯލްޑް ކަޕްގެ ސެމީފައިނަލުން 1986 ވަނަ އަހަރަށް ފަހު ބެލްޖިއަމް ޖާގަ ހޯދި މި ތާރީހީ މެޗު ބެލްޖިއަމްއިން ކާމިޔާބު ކޮށްފައިވަނީ 2-1 ލަނޑުގެ ނަތާޖާއަކުންނެވެ.
ބެލްޖިއަމްގެ ހަޒާޑް އަދި ލުކާކޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔައިރު މެޗުގެ 13 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ބެލްޖިއަމްއިން ނެގި ކޯނަރެއް ބްރެޒިލްގެ މިޑްފީލްޑަރު ފާނަންޑީނިއޯގެ ބޮލުގައު ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ލަނޑާއި އެކު ބްރެޒިލް ވަރަށް ބޮނޑަށް ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މެޗުގެ 31 ވަނަ މިނެޓްގައި ކެވިން ޑެ ބްރައިނާ ވަނީ ބެލްޖިއަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ބްރެޒިލް ސިއްސުވާލާފައެވެ.
މި ލަނޑާއި އެކު 2 ލަނޑު ކުރީގައި އޮވެ ބެލްޖިއަމް އިން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގައި ބްރެޒިލް އިން ދިޔައީ ބެލްޖިއަމްގެ ގޯލަށް ކައިރިކައިރި ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ މެޗުގެ 76 ވަނަ މިނެޓްގައި ބްރެޒިލް އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްލާފައެވެ. މި ގޯލު ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ރެނާޓޯ އައުގަސްޓޯއެވެ.
މި ލަނޑަށް ފަހު ވެސް ބްރެޒިލްއިން ނަތީޖާ ހަމަ ކުރެވޭ ތޯ ގިނަ މަސައްކަތެއް ކޮށްފައިވާއިރު މެޗުގެ ފަހު ބައިގައި ބްރެޒިލްގެ ކުޅުންތެރިން ވަނީ ލިބުނު ހުސްފުރސަތުތަށް ބޭކާރު ކޮށްލާފައެވެ.
މުބާރާތުގެ ސެމީފައިނަލްގައި އަންނަ އަންގާރަ ދުވަހުގެ ރޭ 23:00ގައި ބެލްޖިއަމް ބައްދަލުކުރާނީ ފްރާންސް އާއެވެ.