English Edition
Dhivehi Edition

ހިތަދޫ ސްކޫލުން ޖުލައި މަހަށް ކަނޑައެޅި “ބީއަ ބުކްވާމް” ތީމް ފާހަގަކޮށް ނިންމާލައިފިއެވެ. މިތީމްއަކީ ސްކޫލުގެ އިނގިރޭސި ކުލަބްގެ ފަރާތުން ވަރަށް ގިނަ ހަރަކާތްތަކެއް އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސް ނިންމާލި ތީމްއެކެވެ. މި ޕްރޮގްރާމުގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި ތެރޭގައި ޕޮއެމް ކިޔުން، ވާހަކަ ލިޔުން ހިމެނެ އެވެ. އަދި މީގެ އިތުރުން ސްޕެލިންގ ބީ މުބާރާތަކާއި އިނގިރޭސި މަޒުމޫނު ލިޔުމުގެ މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ.ހަމަ މިއާއެކު ބަހުސް މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އިނގިރޭސި ކުލަބް ހިންގުމާއި ޙަވާލުވެ ހުންނެވި ލީޑިންގް ޓީޗަރ ނީލީ ހުސެއިން ވިދާޅުވެފައިވަނީ މި ތީމްގެ މަގުސަދަކީ ކުދީންގެ ހިތްތަކުގައި ފޮތް ކިޔުމާއި ލިޔުން ފަދަ ކަންކަމަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. މިއަހަރުގެ ތަޢުލީމީ ކަލަންޑަރު ގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކިޔެވުން ފެށިފައިވާއިރު ހިތަދޫ ސްކޫލްގައި ވަނީ ކިޔަވައި ދިނުމާއި އެއްކޮށް ދަރިވަރުންނަށް ތަފާތު މަޢުލޫމާތު ތައް ޙިއްސާ ކުރެވޭ ގޮތަށް ކޮންމެ މަހަކަށް ޚާއްސަ ތީމް ތަކެއް ކަނޑައަޅައި އެ ތީމް ތަކާއި ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. ސްކޫލުން ކޮންމެ މަހަކަށްވެސް ވަކި ވަކި ތީމްވަނީ ކަނޑައަޅާފައިވާއިރު މީގެ މައިގަނޑު މަޤްސަދަކީ ސްކޫލުގެ ކުދީންނަށް މުހިންމު ކަންތައްތައް ދަސްކޮށްދީ ކަންކަމާ މެދު ހޭލުންތެރިކުރުވުން ކަމަށް ސްކޫލުން ބުނެއެވެ.