English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޝަހީމް ޢަލީ ސަޢީދު ކަނޑައަޅައިފިއެވެ.
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ކަނޑައަޅާފައިވަނީ ޕީޕީއެމްއިން ބޭއްވި އެ ޕާޓީގެ މިއަހަރުގެ ހަތަރު ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

ޑރ ޝަހީމްއަކީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ނަމަވެސް ވަކި ހިސާބަކުން އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަވާ ރާއްޖޭގައި އަލަށް އުފެއްދި އިސްލާމިކް ޔުނިވާސީޓިގެ ވައިސް ޗާންސެލާރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އެއަށްފަހު މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޔުނިވާސިޓީގެ ޗާންސެލާރ ކަމުގެ މަގާމެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި އުމުރުން 41 އަހަރުގެ ޑރ. ޝާހިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ޑރ. ޝަހީމަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.