އަމިއްލަ ފަރުދުންގެ ވިޔަފާރީގައި ހިމެނޭ ޓްރޭޑް ޕާމިޓް ނިޒާމް މުސްތަގުބަލުގައި އުވާލަން ވިސްނަވަމުން ގެންދަވާ ކަމަށް ރަޖިސްޓްރަރއޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.
އެއޯނިއުސް އަށް މައުލޫމާތު ދެއްވަމުން ވިސާމް ވިދާޅުވީ “އަޅުގަނޑުމެން މުސްތަގުބަލުގައި މިބަލަނީ ޓްރޭޑް ޕާމިޓްގެ ނިޒާމް އުވާލާފައި، ވިޔަފާރި ރަޖިސްޓްރީ ކުރީމައި އެކްސްޕްރެސްކޮށް ޕާމިޓެއްދޭން ފަސްއަހަރުގެ ވިޔަފާރީގެ މުއްދަތަށް،” ވިސާމް ވިދާޅުވިއެވެ. މިހާރުވެސް އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްދެއްވަނީ ފަސްއަހަރަށެވެ. އެގޮތަށް ހެއްދެވުމުގެ ބޭނުމަކީ ވިޔަފާރި ހިންގަންދޫކޮށްފައިވާ ލައިސަންސް ބާތިލްވިޔަ ނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.
“މިހާރު ވަރަށްބޮޑަށް މައްސަލަޖެހޭ ކަމެއް މަހުންމަހަށް ފީނުދެއްކިއްޖެ ކަމަށްވަނަމަ ފިހާރައެއް އޮޕަރޭޓްކުރާ ފަރާތުގެ އޮޕަރޭޝަނަލް ލައިސަންސް ގާނޫނީ ގޮތުން ބާތިލްވުން،” އޭނާ ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ ޚާއްސަކޮށް އަތޮޅުތެރޭ ރަށްރަށުގައި އެގޮތަށް މަހުންމަހަށް ފީ ދައްކަންވީމައި އެކަން ތަކުލީފަކަށްވާ ކަމަށެވެ. އެފީ ކޮންމެ މަހަކު ދައްކަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށް ނޫނީ އެ ނިސްޓްރީން ކަނޑައަޅާ އިދާރާއަކަށެވެ.
“އެހެންވެ އެކަހަލަ ޕްރޮސެސްތައްވެސް އަޅުގަނޑުމެން މި ހާމަނައިޒު ކުރަނީ ވިޔަފާރި ރަޖިސްޓްރީއަށް ބޮޑަށް ބަރޯސާ ކުރާގޮތަށް. އެހެންވީމާ ވިޔަފާރި ރަޖިސްޓްރީކުރާ ތާރީޚުގައި އަޅުގަނޑުމެން އިތުރު ފީއެއް ނަގާފައިވެސް މީހުންނަށް ހުއްދައެއް ދޫކޮށްފި ކަމަށްވާނަމަ އެކްސްޕްރެސްކޮށް އިމްޕޯޓްމުދަލުގެ ވިޔަފާރި ކުރުމުގެ ހުއްދައެއޮތީ ދޫކުރެވިފައި ދެއްތޯ. އެކަހަލަ ނިޒާމަކަށްދާން އަޅުގަނޑުމެން މަސައްކަތް މިކުރަނީ،” ވިސާމް ވިދާޅުވިއެވެ.
އަމިއްލަ ފަރުދެއްގެ ވިޔަފާރި ރަޖިސްޓްރީއަށް ދައްކަން ޖެހެނީ ފަސް ސަތޭކަ ރުފިޔާއެވެ. “ދެން އިންޕޯޓު މުދަލުގެ ވިޔަފާރި ކުރުމުގެ ހުއްދަ އެގޮތަށް ފަސްއަހަރަށް ދޫކުރަންޏާ އެއަށް އެކަށީގެންވާ ރެވެނިއުއެއް ނުވަތަ ރެވެނިއުގެ ގޮތުގައި ކުރިއަށްއޮތް ތަނުގައި އޭތި ފޯރުކޮށްދިނުމަށް ދޭ ޚިދުމަތްތަކަށް ނަގަންޖެހޭ ފީއެއްއޮންނާނެތާ. އެފީ ހާމަނައިޒް ކުރާ ވާހަކަ އަޅުގަނޑު ދެންނެވީ. އަސްލު ބޭނުންވަނީ ފިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކޮށްދޭން،” ވިސާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު މިނިސްޓްރީއަށް އެކިކަހަލަ ހުއްދަތައް ނަގަން ތަކުރާރުކޮށް އަންނަން ނުޖެހޭ ގޮތަށް ނުވަތަ ހުއްދަ އައުކުރަން މެދުނުކެނޑި މަހަކު އެއްފަހަރު ނޫނީ އަހަރަކު އެއްފަހަރު އަންނަންޖެހޭ ނިޒާމް ބަދަލުކުރުމަކީ މިނިސްޓްރީން ވަރަށްބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.
އެނިޒާމް ބޭއްވުމުގެ ބަދަލުގައި “އަޅުގަނޑުމެން ބޭނުންވަނީ އެއްފަހަރާ ހުއްދައެއް ދޫކޮށްފައި ދެންއެއަށްފަހު (މާނައަކީ) ވިޔަފާރި ރަޖިސްޓްރީގެ މުއްދަތު ރިނިއުކުރާ ސްޓޭޖުގައި ދެންހުންނަ ހުއްދަތައް ރިނިއުކުރުން އެގޮތަށް އޭތި ހާމަނައިޒް ކުރަން ބޭނުންވަނީ،” ވިސާމް ވިދާޅުވިއެވެ.
އެ ޚިދުމަތް އެގޮތަށް ދިނުމަށް އަދި ގާތްގަނޑަކަށް ދެމަހެއްހާ ދުވަސްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ އެކަމަށް ނަގާނެ ފީއަކާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. “ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި އެކަންވޭތޯ މިބަލަނީ. ބޮޑަށް ބަލަނީ ވިޔަފާރީގެ ރަޖިސްޓްރީގެ މުއްދަތަށް ވީހާވެސް ބޮޑަށް ހާމަނައިޒް ކުރެވޭތޯ،” ވިސާމް ވިދާޅުވިއެވެ.