English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ފަހު މެޗުގައި ރޭ އިންގްލޭންޑް އާއި ކޮލަންބިޔާ ބައްދަލު ކުރި މެޗު ޕެނަލްޓީގައި 3-4 އިން ކުރި ހޯދައި އިންގްލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ކޮލަންބިޔާ އާއި އިންގްލޭންޑް ބައްދަލު ކުރި މެޗުގައި ޕެނަލްޓީ ޖަހައި އިންގްލޭންޑް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު 30 މިނިޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު 1-1 ލަނޑުން ހަމަ ވެފައި އޮތުން ނަތީޖާ ނެރުމަށް ޖެހި ފަސް ޕެނަލްޓީ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެނެއެވެ. ކޮލަމްބިއާ އަށް ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ.

ރޭގެ މެޗަށް ކޮލަމްބިޔާ ނިކުތްއިރު އެޓީމުގެ އެންމެ މުހިއްމު ފޯވާޑް ޖަރުމަންގެ ބަޔާންއަށް ކުޅޭ ހަމޭސް ރޮޑްރިގޭޒް ފައިގެ ފަލަމަސްގަނޑަށް އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅެފައިނުވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. މި ލަނޑާއި އެކު ކޭން ވަނީ މިމުބާރާތުގައި މިހާތަނަށް 6 ގޯލް ކާމިޔާބުކޮށް ރަންބޫޓް ހޯދުމުގެ އުންމީދު އާކޮށްފައެވެ.

މި ލަނޑާއި އެކު ކޮލަންބިޔާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް ކޮލަމްބިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތްވީ އިތުރު ވަގުތުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޔެރީ މީނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި އިންގްލޭންޑް ބައްދަލުކުރާނީ ސްވިޑެންއާއެވެ