ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ރޭ ސްވިޒަލެންޑާ އާއި ސްވިޑަން ބައްދަލު ކުރި މެޗު ހަނިގޮތަކަށް ކާމިޔާބުކޮށް ސްވިޑަން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ގައި ކުޅުނު ފޯރިގަދަ މިމެޗު ސްވިޑަންއިން ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ގަދަ 16ގައި ރޭ މިދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު މި މެޗުގެ ހަމަ އެކަނި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓްގައި ސްވިޑަންއަށް ކާމިޔާބުކޮށްދީ އެމިލް ފޯސްބާގެވެ.
ރޭގެ މިމޮޅާއި އެކު ސްވިޑަން ވަނީ 1994 ވަނަ އަހަރު ފަހުން ފަހުން ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ.
މި މެޗުން ބަލިވުމާއި އެކު 1954 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ސްވިޓްޒަލެންޑު ޖާގަ ހޯދުމަށް ކުރަމުން އައި އުއްމީދު އޮޔާ ގޮސްފައިވާއިރު އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގެ ދެވަނަ ބުރުން ސްވިޒަލެންޑް ކެޓީ އާޖެންޓީނާ އަތުން 1-0 ލަނޑުން ބަލިވެގެންނެވެ.
ވޯލްޑްކަޕް ފުޓް ބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅުނު ހަތަރު ފަހަރު ވެސް ސްވިޓްޒަލެންޑު ކެޓީ ލަނޑެއް ނުޖެހިއެވެ.މި ހަތަރު ފަހަރު ވެސް ސްވިޒްލެންޑް ބަލި ވެފައިވަނީ 1-0 ލަނޑުންނެވެ.
މި މެޗުން ހޯދި މޮޅާއެކު ސްވިޑަން ކުއާޓާއިން ޖާގައެއް ހޯދިއިރު ސްވިޑަންގެ އިތުރުން ދެން މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރު ކޮށްފައިވަނީ ފްރާންސް އާއި އުރުގުއޭ ބްރެޒިލް ބެލްޖިއަމްގެ އިތުރުން މުބާރާތް ބާއްވާ ގައުމު ރަޝިއާއެވެ.
ފީފާ ވޯލްޑް ކަޕް 2018ގެ ކުއާޓާ ފައިނަލްގައި ސްވިޑަން ބައްދަލުކުރާނީ ރޭ އިންގްލޭންޑް އާއި ކޮލަންބިޔާ ކުޅެ ފެނަލްޓީގައި މޮޅުވި އިންގްލޭންޑްއާއިއެވެ.
މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 19:00 ގައެވެ.