English Edition
Dhivehi Edition

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހެކަތޯން “އޭންޖެލްހެކް” ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ރައްޔިތުންގެ މުވާސަލާތީ ކުންފުނި ދިރާގާއި، ސްޕާކް ހަބް ގުޅިގެން ބާއްވާ ހެކަތޯން ރާއްޖެ އަށް ތައާރަފް ކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން އަދި އެ ހެކަތޯން ރާއްޖެ އަށް ގެނައި ސަޕާކްހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިޝް އެވެ.

ހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 މި ދެ ދުވަހު އެވެ.

އެންޖެލްހެކް އަކީ ދުނިޔޭގެ ފެންވަރުގައި ހެކަތޯންތައް ބާއްވާ އޯގަނައިޒޭޝަންއެކެވެ. 2011 ވަނަ އަހަރު ސެންފްރެންސިސްކޯގައި އުފަންވި މި ކުންފުނިން 150 ސިޓީގައި 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުންނާއި ޑިޒައިނަރުން އަދި ހެކަރުންނާއެކު ކޮންމެ އަހަރަކުވެސް ދަނީ ހެކަތޯންތައް ބާއްވަމުންނެވެ.

ހެކަތޯންގައި ބައިވެރި ވުމަށް މިހާރު ހުޅުވާލާފައިވާއިރު ދިރާގުން ބުނީ މި ފުރުސަތަކީ ރާއްޖޭގައި ތިބި ޒުވާން ހުނަރުވެރިންނަށް ބޭރު ދުނިޔެއަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމުގައެވެ

ހެކަތޯންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ވަނީ މިހާރު ހުޅުވާލައިފައެވެ. އެކަމަށް ޚާއްޞަ ވެބްސައިޓް މެދުވެރިކޮށް ހެކަތޯން އަށް ރެޖިސްޓާ ކުރެވޭނެއެވެ.

ދިރާގާއި ސްޕާކް ހަބް ގުޅިގެން ވާއްވާ މި ހެކަތޯންއިން އެއްވަނަ ދާ ފަރާތަކަށް ސެންފްރެންސިސްކޯގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ބައިވެރިވެ ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެއެވެ.