ދިރާގާއި އެލައިޑް އިންޝުއަރަންސް ގުޅިގެން، ދިރާގު ލިމިޓެއް ނެތް ފައިބާ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެލައިޑްގެ “ހޯމް ކޮންޓެންޓްސް ތަކަފުލް” އިސްލާމިކް އިންޝުއަރަންސް ޕްލޭން މުޅިން ހިލޭ ލިބޭ އަގުހުރި ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕަޓްނަޝިޕް އިއުލާނުކޮށްފައިވާއިރު، މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ލިމިޓެއް ނެތް ފައިބަގެ ކޮންމެ ޕެކޭޖެއް މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް 150،000 ރުފިޔާއާ ހަމައަށް އެލައިޑްގެ ހޯމް ތަކަފުލް ޕްލޭނެއް އެއް އަހަރު ދުވަހަށް ހިލޭ ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދިރާގުން ވަނީ އިތުރު ހަދިޔާތަކެއް ވެސް ހުށަހަޅާފައެވެ. މިގޮތުން، ދިރާގު ލިމިޓެއް ނެތް ފައިބާ 30 އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް “ސްމާޓްވިއު އިންޑޯ ކެމެރާ” އެއް މުޅިން ހިލޭ ލިބޭނެއެވެ. އަދި 50 އެމް އިން ފެށިގެން މަތީގެ ޕްލޭންތައް ނަގާ ފަރާތްތަކަށް މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ “ކްލައުޑް ސްޓޯރޭޖް” ސަބްސްކްރިޕްޝަން ވެސް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ބޭނުމަކީ ކަސްޓަމަރުންނަށް ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމާއެކު ގޭތެރޭގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.
އެލައިޑްގެ “ހޯމް ކޮންޓެންޓްސް ތަކަފުލް” ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ މާލީ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެއެވެ. ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި މިއަހަރުގެ އޮގަސްޓް 19 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، އެލައިޑް މިހާރު ވަނީ ދިރާގު “އެލީޓް ކްލަބް” ގެ ޕާޓްނަރަކަށް ވެފައިވާތީ، އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑްގެ ވަކި ހާއްސަ ޕްލޭންތަކަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ވެސް ލިބިގެންދާނެއެވެ.