ފީފާ ވޯލްޑް ކަޕް ގަދަ 16ގައި ރޭ އޭޝިޔާގެ ގަދަ ބާރު ޖަޕާން އާއި ބެލްޖިއަމް ބައްދަލު ކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ބެލްޖިއަމުން ޖަޕާން ރޮތްވާލައިފިއެވެ.
ރަޝިއާގައި މިހާރު ކުރިއަތްދާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މިމެޗު ބެލްޖިއަމް ކާމިޔާބު ކުރީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭ ފީފާ ވޯލްޑް ކަޕު ދެވަނަ ބުރުގައި ބެލްޖިއަމް އަދި ޖަޕާނު ބައްދަލު ކުރި މިމެޗުގައި ޖަޕާން ދެ ލަނޑު ޖަހާފައިވަނިކޮށް ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައިވާއިރު މިއީ 1996 ވަނަ އަހަރު ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕޯޗުގަލް ފަހަތުން އަރައި މެޗު ކާމިޔާބުކުރި ފަހުން ޓީމެއް މި ގޮތަށް މޮޅުވި ފުރަތަމަ ފަހަރެއެވެ.
ރަޝިޔާގެ ރޮސްޓޮވް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.އެހެން ނަމަވެސް ޖަޕާނުން ވަނީ ދެވަނަ ހާފްގައި ކުޅުން އިތުރަށް ވަރުގަދަ ކޮށް ދެވަނަ ހާފްގެ ތިން ވަނަ މިނެޓްގައި ގެންކީ ހަރަގޫޗީގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. އަދި ޖަޕާނުން ވަނީ ފުރަތަމަ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ތަކަޝީ އިނުއިގެ ގޯލުން މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.
މި ދެ ލަނޑާއި އެކު ވަރުގަދަ ބެލްޖިއަމްގެ ވޯލްޑް ކަޕްގެ ދަތުރު ނިމުމަކަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވާރޓޮންހެން ވަނީ ހަނި ގޮތަކަށް ގޯލެއް ޖަހާ ބެލްޖިއަމްއަށް އުންމީދު އާކޮށްދީފައެވެ.
ރޭގެ މެޗުގައި ބެލްޖިއަމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މެންޗެސްޓާރ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުންދާ މެރޮއޭން ފެލައިނީއެވެ. ވަނީ ކުޅެން އަރައި ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.އަދި ބެލްޖިއަމް މެޗުން މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދީފައިވަނބެލްޖިއަމްގެ ނޭސާ ޗެޑްލީއެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކުޅޭނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ބްރެޒިލާ ދެކޮޅަށެވެ