އިނގިރޭސި ޝާހީއާއިލާ ވެގެންގޮސްފައިވަނީ ވަރަށްގިނަ ހަރުކަށި ތަފާތު އުސޫލުތަކާއި ހަމަތައް ހިފަހައްޓަމުން ދާ އާއިލާއެއްގެ ގޮތުގައެވެ. ކެއުމުގައި ވަކިއުސޫލެއް ގެންގުޅުމާއި، ހެދުންއެޅުމުގައި ވަކިއުސޫލެއް، އިށީންނައިރު ވަކިއުސޫލެއް، މީހުންނާއި ބައްދަލުކުރާއިރު ވަކި ގޮތެއް އަދި ކޮޅަށް ހުއްޓިލައިގެން ހުންނައިރު ވަކިގޮތެއް ފަދަ އުސޫލުތަކާއި ހަމަތަކެއް އަބަދުވެސް އޮވެއެވެ.
އިނގިރޭސި އާއިލާއާއި އަލަށް ގުޅުނު މޭގަންއަށް މިއުސޫލުތައް ދަސްކުރުން ވީ އުނަދަގޫކަމަކަށެވެ. އެންމެ ފުރަތަމަ ޕްރިންސް ހެރީއާއި މޭގަން ކައިވެނި ކުރުމަށްފަހު މޭގަންގެ މަގްބޫލު ކެއުން ކަމަށްވާ ސީފުޑް ކެއުން ހުއްޓާލަން ޖެހުނެވެ. ޝާހިއާއިލާއަށް ލޮނުމެދު އެއްގޮތަކަށްވެސް ކެއުން ހުއްދައެއްނޫނެވެ. އަދި ގިނައިން ފިޔާ އަޅައިގެން ކައްކައިފައި ހުންނަ އެޗިހިވެސް ކެއުން ހުއްދައެއްނޫނެވެ. ރޯޔަލް ބަކިންހަމް ޕެލެސްގެ ޝެފެއްކަމަށްވާ ޑަރެން ބުނެފައިވާގޮތުގައި ޝާހީ އާއިލާގެ މެނޫގައި ލޮނުމެދު އެއްގޮތަކަށްވެސް ނުހިމެނެއެވެ. ސަބަބަކީ ލޮނުމެދު ކެއުމުން އަނގައިން ދުވާވަހާ ދުރުހެލިވެތިބުމެވެ. އަދިސީފުޑް ކެއުން މަނާވަނީ އެލާޖިކެއްވެދާނެތީ ކަމަށް ޑަރެން ބުނެފައިވެއެވެ.
ޝާހީއާއިލާގެ ކެއުން ގަނޑުވަރުގައި ވަކިގޮަތަކަށް އޮތްނަމަވެސް ގަނޑުވަރުންބޭރުގައި މޭގަންއަށް ވެސް ކޭޓަށްވެސް ބޭނުންކާއެއްޗެއް ކެއުމުގެ ހުއްދަލިބިފައި ވާކަމަށްއިނގިރޭސި ރިޕޯރޓުތައް ބުނެއެވެ.
ކެއުމުގެ އުސޫލު ދޫކޮށްލާފައި، އުޅުމުގައި ގެންގުޅެންޖެހޭ އުސޫލުތަށް މޭގަންއަށް އަދިވެސް ދަސްނުވެއެވެ. ޕްރިންސް ހެރީއާއި ކައިވެނި ބެއްލެވުމަށްފަހު ޝާހީއާއިލާގެ އެލިޒަބަތް އާއި އެކު ބައްދަލަވުމަކަށް ދިޔުމަށްފަހު މޭގަން ރާނީ އަށްވުރެ ކުރީން ކާރަށް އެރި މައްސަލަ ވެސް މީޑިއާއިން ފާހަގަ ކުރިއެވެ. އަނެއް މައްސަލައަކަށްވީ އެންމެ ފަހުން ޕްރިންސް ހެރީ އަދި ރާނީ އެލިޒަބަތު އާއި އެކު މޭގަން ބައިވެރިވި ރަސްމިއްޔާތެއްގައި މޭގަން އެއްފައި މައްޗަށް އަނެއްފައި ފުރަތަމަ ހުރަސްކޮށްލި ގޮތް ވެސް ޝާހީ އާއިލާގެ އުސޫލުތަކާއި ހިލާފު ކަމަކަށްވުމެވެ.
ދާދިފަހުން ވެސް މޭގަން އަށް ޝާހީއާއިލާގެ އުސޫލުތައް ދަސްނުވާކަން ފާހަގަ ވާވަރުގެ ކަމެއް މީޑިއާ ގެ ސަމާލުކަމަށް ގެނެވުނެވެ. ބަކިންހަމް ޕެލަސްގައި ޒުވާން ލީޑަަރުންނާއި ބައްދަލުކުރަން ރާނީ އެލިޒަބަތު ބޭއްވި ހަފްލާއެއްގައި މޭގަން އާއި ޕްރިންސް ހެރީ ވެސް ބައިވެރިވިއެވެ. ނަމަވެސް ރަސްމިއްޔާތުގެ ތެރެއިން ޕްރިންސް ހެރީގެ އަތުގައި ހިފަން މޭގަން އުޅުމުން މީހުންނަށް ނޭނގޭނެ ގޮތަށް ހެރީ ވަނީ އަތް ދުރުކޮށްލާފައެވެ. މަންޒަރު ބަލާމީހުންނަށް މާބޮޑަށް ފާހަގަ ނުކުރުވުނު ނަމަވެސް އިނގިރޭސި މީޑިއާ ތަކުގައި މިހާރު އެމަންޒަރުގެ ވީޑިއޯތައް ވަނީ ވައިރަލްވެފައެވެ.
ޝާހީ އާއިލާ މެންބަރުން އަމަލު ކުރަމުން އަންނަ އުސޫލަކީ އެއްވެސް ރަސްމީ ހަފްލާއެއްގައި ޝާހީ އާއިލާގެ ދެމަފިރިން އެކަކުގެ އަތުގައި އަނެކަކު ނުހިފުމެވެ. ނަމަވެސް ނުރަސްމީ ހަފްލާތަކުގައި އަތުގައި ހިފައިގެން އުޅުމަކީ ހުއްދަކަމެކެވެ.
ޝާހީ އާއިލާ ގެ ހެދުން އެޅުމުގެ ހަމަތަކަށްބަލާއިރު އާންމުކޮށް ބޮޑެތި ރަސްމީ ހަފްލާތަކުގައި އާއިލާއިން ވަރަށް ގަދަ ކުލަތަކުގެ ހެދުން ލުމަށް އިސްކަންދެއެވެ. ނަމަވެސް ރާނީ އެލިޒަބަތު ވަނީ ބޫޓަށް އެރުމުގައި ހައިހީލް ހިޔާރު ކުރުމަށް ލޯބިވާކަމަށް ބުނެފައެވެ. އެހެންކަމުން ރާނީ ކުރިފުޅުމަތީގައި ޑަޗެސް އޮފް ސަސެކްސްއަށްވެސް ޑަޗެސްއޮފް ކޭމްބްރިޖަށްވެސް ހައިހީލް ނޫނީ އެއްޗަކަށް އެރުން ހުއްދައެއްނޫނެވެ.