ށ. ފުނަދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިންމައި ޓެސްޓު ފްލައިޓް ޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފުނަދޫގައި އަޅާ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުން ފާހަގަކޮށް ރަންވޭ އެޅުމުގެ މަސައްކަތް ފެއްޓުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފުނަދޫ ގައި އެއާޕޯޓް އެޅުމަށްޓަކައި އެރަށުން ބޮޑު ބައެއް ހިއްކާފައިވާކަމަށާއި، އަދި އެއާޕޯޓް އެޅުމަށްޓަކައި ބިންހިއްކި ސަރަހައްދުގައި ޝޯޕްރޮޓަކްޝަން ޖަހާ ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުނަދޫގައި ހަދާ އެއާޕޯޓްގެ މަސައްކަތް ނިންމާ، އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން މަތިންދާ ބޯޓް ޖެއްސޭވަރު ވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ އެއާޕޯޓްގެ މައްސައްކަތް މިއަހަރުގެ ޑިސެންބަރު މަހު ނިނަމުމަށް ކުރިން އެއްބަސްވެފައި ވީ ނަމަވެސް އެމަސައްކަތް އޭގެ ކުރިން ނިންމާލެވޭނެ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވާކަމަށް. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފްލައިޓްތައް ދަތުރުކުރެވޭ ވަރުވޭތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފުނަދޫގެ ތަރައްގީއަށް މިސަރުކާރުން ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންދާކަމަށް. އެގޮތުން ފުނަދޫގެ ތަރައްގީއަށް ސަރުކާރުން 270 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޒަމީރު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދިނުމަށްޓަކާ ޕީޕީއެމުން ވަރަށް ގިނަ މަސައްކަތް މާލެއާއި އަތޮޅުތަކުގައި މިހާރު ކުރަމުންދާކަމަށެވެ އަދި އެމަސައްކަތުގައި ފުނަދޫގެ ރައްޔިތުންނާއި ޕީޕީއެމްގެ މެންބަރުންވެސް އެއްބާރުލުން ދިނުމަށް މިނިސްޓަރ ޒަމީރު އެދިވަޑައިގެންނެވިއެވެ.
ފުނަދޫ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްޙުރިއްޔާ އަބްދުﷲ ޔާމީން. މި ރަސްމިއްޔާތުގައި ފުނަދޫގެ ރައްޔިތުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ