މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި އޮތް މިންވަރާއި އެކަމަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރައްވައިފިއެވެ. މެމްބަރުން މި މައްސަލަ އާއި ގުޅިގެން ވާހަކަ ދައްކަވާފައިވަނީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދިދީ (އައިބީ) މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހްގެ ބިލަށް ބަހުސް ކުރައްވަމުނެވެ. މި ބިލް ބަލައިގަންނަން ފާސްވެފައިވަނީ 26 ވޯޓުންނެވެ.
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް މުހިންމު އިސްލާހްތަކެއް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި މި ބިލަށް މެމްބަރުން ވަނީ ބަހުސް ކުރައްވާފައެވެ.
ބަހުސް މަރުހަލާ ފެށުމުގެ ކުރިން ބިލް ހުށަހަޅުއްވަމުން މެމްބަރު އިބްރާހިމް ދީދީ މި ޤާނޫނަށް ހުށަހެޅި މުހިންމު އިސްލާހްތަކުގެ ތެރޭގައި އެ ޤާނޫނުގެ 36 ވަނަ މައްދާގައި ބަޔާންކުރާ ޑްރަގް ކޯޓުގެ އިޙްތިސާސް ނުހިނގާނެ ކަމަށް ބަޔާންކުރާ މީހުންގެ އަދަދު އިތުރު ކުރުން ހިމެނެއެވެ. އެގޮތުން ޑްރަގް ކޯޓުގެ އިހްތިސާސް ނުހިނގާނެ ކަމަށް ބަޔާން ކުރަނީ ބޮޑެތި ޖިނާއި ކުށްތައް ކޮށް، އެކަން ސާބިތުވެ ހުކުމް ތަންފީޒްކޮށް ނިމިފައިނުވާ މީހުންނެވެ.
މި އިސްލާޙްގައި ބަޔާންކުރާ ބައެއް ފަރާތްތަކަކީ ޤާނޫނުލް އުގޫބާތު ގެ 110 ވަނަ މައްދާއާއި 111 ވަނަ މާއްދާގައި ކަނޑައާޅަފައިވާ މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ މީހުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުން ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލް ކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހުންނާއި އިތުރު ޖިނާއި ކުށްތައް ކޮށްފައިވާ ފަރާތްތަކެވެ.
މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ޤާނޫނުގައި މިފަދަ ކަންކަން ބަޔާން ނުކުރާ ހިނދު ޑްރަގް ކޯޓުގެ އިޙްތިސާސްގެ ތެރެއިން ތިބެގެން ބޮޑެތި ކުށްތައް ކުރުމަށް ބައެއް ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށާއި އެހެން ކަމުން މިއީ މުހިންމު އިސްލާހެއް ކަމަށެވެ.
މެމްބަރު އިބްރާހިމް ދީދީގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުވެސް ވަނީ މި ބިލަށް ބަހުސް ކުރައްވާ ވާހަކަދައްކަވާފައެވެ.
މި ޤާނޫނަށް ގެންނަ މުހިންމު އިސްލާޙްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ޤާނޫނުގެ 76 ވަނަ މައްދާ އިސްލާޙް ކުރުން ހިމެނެއެވެ. މި ޤާނޫނުގެ 76 ވަނަ މާއްދާ އިސްލާހް ވާއިރު ރިހެބިލިޓޭޝަން ޕްރޮގްރާމަށް ކޯޓުން އަމުރު ކޮށްފައިވާ މީހަކު މި ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ހުކުމް އޭނާގެ މައްޗަށް އަތުވެއްޖެނަމަ ޑްރަގް ކޯޓުން ކޮށްފައިވާ ރިހެބިލިޓޭޝަން އަމުރު ނިމުމަކަށް އަންނާނެއެވެ.