English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ދާދި ދެންމެ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 27 އަހަރާއި 25 އަހަރުގެ ދެ ޒުވާނުންނަށް އެޗްއާރު އެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުގައި ތިބީ 2 ފިރިހެނުންނެވެ. އަނެއް ސައިކަލުގައި އިނީ އަންހެނެކެވެ.

އަންހެން މީހާ އަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

މި ދެމީހުންގެ ހަށިގަނޑުގެ އެކިތަންތަން މަށައިގެން ގޮސްފައިވާ އިރު ބޭރު ފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިފަހަކަށް އައިސް ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓް ގިނަވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން އައްޑޫ ސިޓީ ޕޮލިސް އިން ވަނީ ދާދިފަހުން އައްޑޫގެ އެކިސަރަހައްދުތަކުގައި ޓްރެފިކް އޮޕަރޭޝަންތަކެއް ވެސް ހިންގާފައެވެ.