English Edition
Dhivehi Edition

ފަތުރުވެރިކަމުގެ ދާއިރާގައި މި ސަރަހައްދުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް އޮންލައިންކޮށް ވޯޓު ދިނުންމިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

ސަޓާ އެވޯޑަކީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ. ދެވަނަ އިވެންޓް ބާއްވާފައިވަނީ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައެވެ..

ސަޓާ 2018 އެވޯޑަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތަކުން ނޮމިނޭޝަން ހުށަހަޅާފައިވާ ކަމަށް ހައިރައިޒް ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި އެވޯޑަށް ނޮމިނޭޝަން ހުޅުވާލީ މިއަަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 15 ގެ ނިޔަލަށެވެ. ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ބޫޓާން އަދި ނޭޕާލުން އެވޯޑަށް ވާދަކުރާއިރު ކޮންމެ ގައުމަކުންވެސް ކުރިމަތިލާފައިވާ ފަރާތްތަކަށް ޖަޖުކުރާނީ އެ ގައުމެއްގައެވެ.

ސަޓާ 2018ގެ ޖަޖިން ޕެނަލްގައި މިފަހަރު ހިމެނެނީ 3 އަންހެން ކަނބަލުންނެވެ. އެއީ ސްރީ ލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

އެވޯޑުގެ ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުންވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ޖަޖުންގެ ޕެނަލް ކުރިމަތީގައެވެ.

މިއަހަރުގެ ސަޓާ އިވެލުއޭޝަން ފަށާފައި ވަނީ ރާއްޖެއިންނެވެ. މިމަހުގެ 24ގެ ނިޔަލަށް މޫކައި ހޮޓަލްގައި ރާއްޖޭގެ އިވެލުއޭޝަން ކުރިއަށް ގެންދިއުމަށް ފަހު މިހާރު ކުރިއަށް ދަނީ ލަންކާގެ އިވެލުއޭޝަންސްއެވެ.

މިއަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.